އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕުގެ ނ. އަތޮޅު މުބާރާތުގައި މަނަދޫ އަތުން މަގޫދޫ މޮޅުވެ، ވާދަވެރިކަން ބޮޑުވެއްޖެއެވެ.
މަނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުން މަގޫދޫ މޮޅުވީ 0-1ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި، މެޗުގެ 23ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސައުދު މުޙައްމަދެވެ.
މި މޮޅާއެކު މަގޫދޫއިން ތިން ޕޮއިންޓު ހޯދިއިރު، މިއީ އެ ޓީމުންވެސް އަދި މަނަދޫއިން ވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ،
ފުރަތަމަ މެޗުގައި މަގޫދޫގެ މައްޗަށް މާފަރުން ކުރިހޯދިއިރު، މަނަދޫގެ ފުރަތަމަ މެޗުގައި މަނަދޫއިން ވަނީ ޅޮހީގެ މައްޗަށް ކުރިހޯދާފައެވެ.
އެހެންކަމުން މި ގުރޫޕުގައި ހިމެނޭ ތިން ޓީމަކަށް ތިން ޕޮއިންޓު ލިބިފައިވެއެވެ. މާފަރުން ތިން ޕޮއިންޓު ހޯދާފައިވާއިރު ޅޮހިން މިރޭ މާފަރާ ދެކޮޅަށް ނުކުންނާނެއެވެ.
އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ނ. އަތޮޅުން ބައިވެރިވީ ޖުމްލަ ހަތަރު ޓީމެވެ. މި އަތޮޅުގެ ޗެމްޕިއަން ކަނޑައަޅާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް މެޗެއް ކުޅެގެންނެވެ. ފައިނަލް ކުޅޭނީ މިމަހުގެ 21ވަނަ ދުވަހުގެރެއެވެ.