އެމެރިކާގެ އޮހާޔޯގައި ކުރިއަށްދާ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ބަލިވެއްޖެއެވެ.
މިމުބާރާތުގެ ދެވަނަ ބުރުން ޖޯކޮވިޗް ބަލިވެފައިވަނީ އާޖެންޓީނާގެ ތިއާގޯ އަގުސްޓިން ޓިރަންޓޭ އާއި ބައްދަލުކުރި މެޗުން ދެ ސެޓު އެއް ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ވަރަށް ފަސޭހަ ކަމާއެކު ދެއެއް ހަޔަކުން ޖޯކޮވިޗް ކާމިޔާބު ކުރި ނަމަވެސް ސިންސިނާޓީގެ ގަދަ ހޫނުގާ އޭނާގެ މޮޅު ކުޅުން އިތުރަށް ދެމެހެއްޓޭގޮތެއް ނުވިއެވެ.
ނަތީޖާ އަކަށް ވެގެންދިޔައީ ތިއާގޯ ޓިރަންޓޭ މިމެޗުގެ ފަހު ދެ ސެޓު ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކުރުމެވެ. ދެ ގަޑިއިރާއި ތިރީސް މިނެޓަށް ދެމިގެންދިޔަ މިމެޗުގެ ދެވަނަ ސެޓުގެ ތިންވަނަ ގޭމަށްފަހު ޖޯކޮވިޗްވަނީ ކުރިއަށް ގެންދެވޭ ވަރު ނުވެގެން މެޑިކަލް ޓައިމް އައުޓެއްވެސް ނަގައިފައެވެ.
ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިއީ ސިންސިނާޓީ އޯޕަންއިން ޖޯކޮވިޗް ފެނިގެންދާނެ ފަހު މުބާރާތެވެ. މިއީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި ޔަނިކް ސިނަރ އަތުން ބަލިވި ފަހުން ޖޯކޮވިޗް ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ މިމެޗުގައި ހޫނު ގަދަ ވުމުގެ ސަބަބުން ހުރިހާ ކަމެއްވެސް ދިޔައީ ގޯހުން ގޯހަށެވެ. މެޗަށްފަހު ޓިރަންޓޭ ބުނީ މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
ޖޯކޮވިޗްގެ ނަސީބު ރަނގަޅު ނުވިނަމަވެސް މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާރުގެ އެލެގްޒެންޑަރ ޒުވަރޭވްވަނީ ދެވަނަ ބުރުގައި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއި ބައްދަލުކުރި މެޗު ފަހަތުން އަރާ ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ސެޓު ނޯރީ ކާމިޔާބު ކޮށްފައިވަނީ ތިނެއް ހަޔަކުންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު ޒުވަރޭވްވަނީ ހައެއް ތިނެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްފައެވެ. މިމެޗު ދެ ގަޑިއިރާއި ސާޅީސް ފަސް މިނެޓަށް ދިގު ދެމިގެންދިޔައެވެ. މިނާކާމިޔާބީ އާއެކު ނޯރީ މިވަނީ ޒުވަރޭވް އާއި ދެކޮޅަށް މިހާތަނަށް ކުޅުނު އަށް މެޗުންވެސް ބަލިވެފައެވެ.
މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ހަތްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ފުލާވިއޯ ކޮބޯލީ އާއި ސާބިއާގެ މިއޮމީރު ކެޗްމަނޯވިޗް ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ކޮބޯލީއެވެ.
އަށާރަ ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާއި ޕޯލަންޑްގެ ހުބަރޓް ހަރކާޒް ބައްދަލުކުރި މެޗު ހައެއް ހަތަރެއް، ހައެއް ހަތެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްފައިވަނީ ޕޯލްއެވެ. އަދި ބާރަވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ފަރައެލް ހޯޑާ އާއި ކެނެޑާގެ ޑެނިސް ޝަޕޮވަލޯވް ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ހޯޑާއެވެ.