ޚަބަރު

އަފްޣާނިސްތާނަށް 700 ލޮރީގެ އެހީގެ ސާމާނު!


  • []

އެކި ޤައުމުތަކުން ފޮނުވާފައިވާ އެހީގެ ސާމާނު ހިފައިގެން ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް 700އަށްވުރެ ގިނަ ލޮރީ އެތެރެވެއްޖެއެވެ. ގިނަ ޢަދަދެއްގެ ލޮރީތަކެއް އަފްޣާނިސްތާނަށް އެހީގެ ސާމާނު ހިފައިގެން ގޮސްފައި މި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޕާކިސްތާނާއި އަފްޣާނިސްތާންއާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ސަރަޙައްދީ ރޮނގު އެއްކޮށްހެން ބަންދުކޮށްފައި ވަނިކޮށެވެ.

އދގެ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ އިދާރާ، އޯސީއެޗްއޭގެ ތަރުޖަމާނު، އޮލްގާ ޝެރެކޯ ވިދާޅުވީ އެ ލޮރީތަކަށް ބަރުކޮށްފައި ހުރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެހެން މުހިންމު ސާމާނާއި ކާބޯތަކެތި ކަމަށެވެ.

އދން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ކޯޑިނޭޓަރު، މޯ ޔަޙްޔާ ވިދާޅުވީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި ގާފިލާގައި 704 ލޮރީ ހިމެނޭ ކަމަށާއި އެ ލޮރީތައް ދަތުރުކޮށްފައި ވަނީ ތޫރްޚަމް ހުރަސްކޮށް ކަމަށެވެ. މިހާރު އެ ލޮރީތަައް ބޭނުން ޖެހިފައިވާ ޢާއިލާތަކާ ހަމައަށް ފޯރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިން ކަމަށްޓަކައި ޕާކިސްތާންއަށާއި އެ މަސައްކަތުގައި ޝާމިލްވާ ހުރިހާ ފަރާތަކަށް ޝުކުރު ޢަދާ ކުރައްވައިފައެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގުރާމް، ޑަބްލިޔުއެފްޕީއިން މި މަހުގެ ކުރީކޮޅު ވަނީ އަފްޣާނިސްތާނުގައި އާދަޔާޚިލާފަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ކާޑުބަލީގެ އެންމެ ގޯސް ޙާލަތު ތަޙައްމަލް ކުރަމުންދާ ކަމަށް ބުނެފައެވެ.

ޑަބްލިިޔުއެފްޕީއިން ބުނީ މިދިޔަ އަހަރުގެ ތެރޭގައި އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުންތަކެއް އައުމުގެ ސަބަބުންނާއި މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވި ކާރިޘާތަކުގެ ސަބަބުންނާއި، އީރާނާއި ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ އެތައް މިލިޔަން ރައްޔިތުންނެއް ޤައުމަށް އެނބުރި އައުމުގެ ސަބަބުން އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 14 މިލިޔަން މީހުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނު ކަމާ ކުރިމަތިލަމުން ކަމަށެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްގަމު ސަރަޙައްދީ ރޮނގު ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެއްކޮށްހެން ބަންދުކޮށްފައެވެ. އޭގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުަމަށް ބޭނުންކުރާ މަގުތަކަށް ވަނީ ހުރަސްއެޅިފައެވެ. އެ ގޮތުން މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން އަފްޣާނިސްތާނުގެ ކުޑަކުދިންނަށް ފޮނުވާ ބައެއް ކާނާ އީރާނު މަގުން ވެސް ފޯރުކޮށްދީފައިވެއެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ މަގު ވެސް މިހާރު ބޭނުމެއް ނުކުރެވެއެވެ. އެ ތަކެތި އުފުލުމަށް ބޭނުންކޮށްފައި ވަނީ ޢުރުދުންއާއި ތުރުކީވިލާތާއި އަޒަރުބައިޖާން ފަދަ ޤައުމުތަކެވެ.