ޚަބަރު

ޕީއެސްޖީ ބަލިކޮށް ލެންސް އިން ސުޕަރ ކަޕް ކާމިޔާބުކޮށްފި


ފްރެންޗް ސުޕަރ ކަޕްގައި ރޭ ޕީއެސްޖީ އާއި ދެކޮޅަށް ލެންސް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ލެންސް މޮޅުވެ ސުޕަރ ކަޕް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދޔަ ހަމައެކަނި ލަނޑަކީ މެޗުގެ 32 ވަނަ މިނިޓުގައި ލެންސްގެ ފްލޯރިއަށް ތުއަވިން ކާމިޔާބުކޮށްދީފައިވާ ލަނޑެވެ.

ލެންސް އިން މި ލަނޑު ޖަހާ ކުރި ހޯދިތާ 7 ވަނަ މިނިޓުގައި އެ ޓީމުގެ ޒުވާން ޑިފެންޑަރ ކިލިއަން އެންޓޯނިއޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ގިނަ ވަގުތު އެއް ކުޅުންތެރިއަކު މަދުކޮށް ލެންސް އިން ކުޅުނު ނަމަވެސް އެ ޓީމުން ވަނީ ޕީއެސްޖީގެ ނުރައްކާތެރި ހަމަލަތައް ދިފާއުކޮށްފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 4 މިނިޓަށް ވެފައިވަނިކޮށް ޕީއެސްޖީގެ ނޫނޯ މެންޑޭޒް އަށްވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.

ފްރެންޗް ކަޕްގެ ޗެމްޕިއަން އަދި ލީގު ވަންގެ ޗެމްޕިއަން ޓީމުގެ މެދުގައި ކުޅެވޭ ސުޕަރ ކަޕްގައި ކުޅުނު ފޯރިގަދަ މި މެޗަށް ޕީއެސްޖީ ނިކުތްއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ގޮސްފައިވަނީ ލިވަޕޫލް އިން ގަންނަން މަސައްކަތް ކުރާ ބްރޭޑްލީ ބާކޯލާ ޕީއެސްޖީގެ ޓީމުގައި ރޭ ހިމަނާފައިނުވުމެވެ.

އުމުރުން 23 އަހަރުގެ ބާކޯލާ ހޯދުމަށް ލިވަޕޫލް އިން 100 މިލިއަން ޕައުންޑްގެ ބިޑެއް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ލިވަޕޫލް އިން ބާކޯލާ ހޯދުމަށް މަސައްކަތް ކުރަމުންދަނީ ފާއިތުވެދިޔަ ގިނަ އަހަރުތަކެއްގައި އެ ޓީމަށް ކުޅެމުންދިޔަ މުހައްމަދު ސަލާ އެ ކްލަބު ދޫކޮށްލާފައިވާތީވެ އޭނާ ނެތްތަން ފޫބެއްދުމަށެވެ.