ތުރުކީގެ ގަލަޓަސަރާއީން ބޮޑު މުސާރަ ކިއުމުން މެންޗެސްޓާ ޔުނައިޓެޑުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ކޮންޓްރެކްޓް އައުކުރަން މަސައްކަތް ފަށައިފި އެވެ.
ޕޯޗުގަލްގެ މިޑްފީލްޑަރު ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ނަމަވެސް ގަލަޓަސަރާއިން ވަނީ އޭނާ އަށް ޔުނައިޓެޑުން ދޭ މުސާރަ ދެ ގުނަ ނުވަތަ ތިން ގުނަ ކުރަން ހުށަޅައިފަ އެވެ. އެ ކުލަބުން މިހާރު ރަސްމީކޮށް ހުށަހަޅާފައިވާ މުސާރައަކީ 18.5 މިލިއަން ޕައުންޑެވެ. މީގެ ތެރޭގައި ގަލަޓަސަރާއީ ހޯދާ ކޮންމެ ތަށްޓަކަށާއި ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ ލިބޭ ބޯނަސް ވެސް ހިމެނެ އެވެ. އަދި ތުރުކީ ލީގުގެ އެންމެ ގިނަ އެސިސްޓްކުރި ކުޅުންތެރިޔާ އަށް ބުރޯނޯ ވެއްޖެނަމަ ގާތްގަނޑަކަށް 850000 ޕައުންޑް ދޭ ގޮތަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
މިއާއެކު ޔުނައިޓެޑުން މިހާރު ވަނީ ކޮންޓްރެކްޓް އާ ކުރަން ހުށަހަޅާފަ އެވެ. މީދެ ދެ އަހަރު ކުރިން ސައޫދީ އަރަބިއާގެ އަލް ހިލާލުން އޭނާ ގަތުމަށް 100 މިލިއަން ޕައުންޑް ހުށަހެޅުމުން ވެސް ޔުނައިޓެޑުން ނުވިއްކި އެވެ. އަދި ބުރޫނޯ ވެސް މީގެ ކުރިން ބުނެފައިވަނީ އޭނާ ޔުނައިޓެޑުގައި ހުރީ ތެދުވެރިކަމާއެކު ކަމަށާއި ކުލަބާމެދު އޮތް ގުޅުން ވަރަށް ބަދަހި ކަމަށެވެ.
"އަހަރެންނަށް މީގެ ދެ އަހަރު ކުރިން ވެސް ތިން އަހަރު ކުރިން ވެސް ދެވިދާނެ. އެކަމަކު އަހަރެން މިތަނުގައި މިހުރީ ކުލަބަށް ވަފާތެރިވާތީވެ. އަދިވެސް އަހަރެން މިހުރީ އެ ގޮތުގައި،" ބުރޫނޯ މީގެ ދުވަސްކޮޅެއް ކުރިން ބުންޏެވެ.
ނަމަވެސް ގަލަޓަސަރާއީގެ ހުށަހެޅުމާމެދު އޭނާ އަދި ވަކި އެއްޗެއް ނުބުނެ އެވެ.