ޚަބަރު

ބާސާއިން ރޮޑްރީ އާންމުކޮށް ދައްކާލައިފި


  • ރޮޑްރީ ވަނީ ބާސާ އާއެކު 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް އަލަށް ސޮއިކުރި ސްޕެއިން ޤައުމީ ޓީމުގެ ކެޕްޓަން ރޮޑްރީ އެޓީމުން އާންމުކޮށް ދައްކާލައިފިއެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ ރޮޑްރީ ބާސާއާއެކުވަނީ 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މަޢުލޫމާތުލިބޭގޮތުގައި އުމުރުން 30 އަހަރުގެ ރޮޑްރީ ބާސާއަށް ސޮއިކޮށްފައިވަނީ 65.4 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ރޮޑްރީ ހޯދުމަށް ބާސާގެ އެންމެ ބޮޑު ވާދަވެރި ކަމަށްވާ ރެއާލް މެޑްރިޑުންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ރޮޑްރީ ނިންމީ ބާސާ އާއި ގުޅުމަށެވެ. މިއާއެކު މިދިޔަ ސީޒަންގައި ސިޓީގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިން މިވަނީ ސްޕެއިންގެ ވަރުގަދަ ދެޓީމާއި ގުޅިފައެވެ.

ރޮޑްރީގެ ކުރިން ސިޓީގެ ކެޕްޓަން ބެނާޑޯ ސިލްވަރވަނީ ރެއާލް އާއި ގުޅިފައެވެ.

ވޯލްޑް ކަޕަށްފަހު ކުޑަ އޮޕަރޭޝަނެއް ކޮށްފައިވުމުގެ ސަބަބުން ސީޒަންގެ ކުރީކޮޅު ރޮޑްރީ ކުޅޭތަން ފެނިގެނެއް ނުދާނެއެވެ. 2024 ވަނަ އަހަރު ބެލޮން ޑިއޯ ކާމިޔާބު ކުރުމުގެ އިތުރުން ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްޕެއިން އާއެކު ކާމިޔާބު ކޮށްފައިވާ ރޮޑްރީވަނީ މިފަހަރުގެ ވޯލްޑް ކަޕް ސްޕެއިންގެ ކެޕްޓަންގެ ހައިސިއްޔަތުން އުފުލާލުމުގެ އިތުރުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

2019 ވަނަ އަހަރު ލަލީގާގެ އެޓްލެޓިކޯ މެޑްރިޑުން ސިޓީ އާއި ގުޅުނު ރޮޑްރީ އެޓީމުގައި ހޭދަކުރި 6 ސީޒަންގައި އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހާސިލްކޮށްފައެވެ. މީގެތެރޭގައި ޕްރިމިއަރ ލީގު 4 ފަހަރު، ޗެމްޕިއަންސް ލީގު އެއްފަހަރު، އެފް އޭ ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ވޭތުވެދިޔަ ދެސީޒަންގައި ރޮޑްރީއަށް އަނިޔާގެ ގިނަ މައްސަލަ ތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

މިގޮތުން 2024 ވަނަ އަހަރު ހަތް މަސް ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހުނު އިރު ނިމިގެންދިޔަ ސީޒަންގައިވެސް އޭނާވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހޭދަކޮށްފައެވެ.