އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލްގެ 40 އިން ސައްތަ އާއި ގާތް ކުރާ އަދަދެއްގެ ހިއްސާ އެމެރިކާގެ ބިލިއަނަރު ޖެފް ބެޒޯސް ހިމެނޭ ކޮންސޯޓިއަމުން ގަނެފިއެވެ.
ލިވަޕޫލްގެ ހިއްސާގެ ތެރެއިން ބައެއް ވިއްކާލަން އުޅޭކަމުގެ ހަބަރު އެންމެ ފުރަތަމަ މީޑިއާގައި ފެތުރިގެންދިޔައިރު ބުނެވިގެން ގޮސްފައިވަނީ 30 އިން ސައްތަ ކަމަށެވެ. ނަމަވެސް މިހާރު ހަބަރު ލިބޭގޮތުގައި ފެންވޭ ސްޕޯޓްސް ގްރޫޕުން ވިއްކާލި އެކްލަބްގެ ހިއްސާގެ އަދަދު 40 އިން ސައްތަ އާއި ގާތް ކުރެއެވެ.
ލިވަޕޫލްގެ ހިއްސާ މިފަހަރު ގަން 1892 ހޯލްޑިންގސް ކޮންސޯޓިއަމްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ ކުއީންސް ޕާރކް ރޭންޖަރސްގެ ކުރީގެ އެއް އޯނަރު ކަމަށްވާ އަމިތު ބާޓިއާއެވެ. އަދި މިވިޔަފާރިއާއެކު ލިވަޕޫލްގެ ވައިސް ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރެވިގެންދާނެއެވެ. އަދި ހަބަރު ލިބޭގޮތުގައި ފެންވޭ ސްޕޯޓްސް ގްރޫޕާއެކު 1892 ހޯންޑިންގސް އިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 12 މަސް ތެރޭގައި އެކްލަބްގެ ކޮންޓްރޯލް ނެގޭވަރަށް ހިއްސާ ގަތުމުގެ ދޮރުހުޅުވާލެވިފައިވެއެވެ. ނަމަވެސް މިކަން އެގްރީމަންޓްގައި ހިމެނިފައިވަނީ އޮޕްޝަނެއްގެ ގޮތުގައެވެ.
ދުނިޔޭގެ އެންމެ ބޮޑު މުއްސަދިންގެ ތެރޭގައި ބެޒޯސް ހިމެނޭއިރު ބާޓިއާ އާއި ފޭސްބުކްގެ ކޯ ފައުންޑަރ އެޑުއާޑޯ ސެވެރިން އާއި އޭނާގެ އަންހެނުން އެލެއިންއާއެކު ހަދާފައިވާ އާއިލީ އޮފީހުން ވަނީ މި ކޮންސޯޓިއަމްގައި ބައިވެރިވެފައެވެ. މިވިޔަފާރީގައި ބެޒޯސްގެ ބައިވެރިވުން އަންނަނީ އޭނާގެ ކޭ ފައިވް ސްޕޯޓްސް ކުންފުނީގެ ތެރެއިންނެވެ. އަދި ލިވަޕޫލްގެ ބޯޑުގައި އެމޭޒަން އަދި ބުލޫ އޮރިޖިންގެ ފައުންޑަރ ބެޒޯސް ނުހިމެނުނަސް ކޭ ފައިވްގެ ބްރަޔަން ބައުމް އާއި އެލެއިން ސެވެރިން ލިވަޕޫލްގެ ބޯޑުގައި ހިމެނޭނެއެވެ.
މިވިޔަފާރިއާއެކުވެސް ލިވަޕޫލްގެ މައި ހިއްސާދާރުންނަށް ވާނީ އެފްއެސްޖީއެވެ. އަދި ކްލަބްގެ ހިންގުން ކުރިއަށްދާނީ އެފްއެސްޖީގެ ބެލުމުގެ ދަށުންނެވެ. އެފްއެސްޖީއިން އާންމުކުރި ބަޔާނެއްގައި ވާގޮތުން އެފްއެސްޖީ އާއި 1892 ހޯލްޑިންގސް ގުޅިގެން ކްލަބްގެ ކަންތައްތައް ދަނޑުމަތީ އާއި ދަނޑުން ބޭރުގައި އިތުރަށް ރަނގަޅު ކުރުމަށް ގުޅިގެން މަސައްކަތް ކުރާނެއެވެ. އަދި 1892 ހޯލްޑިންގސްގެ ފަރާތުން ބާޓިއާ ބުނީ ލިވަޕޫލް ފަދަ ކްލަބެއްގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބުމުން ފަހުރުވެރިވާ ކަމަށެވެ. އެކޮންސޯޓިއަމުން އެފްއެސްޖީ އާއި ގުޅިގެން ކްލަބްގެ ކަންތައްތަކުގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް އޭނާ ދީފައިވެއެވެ.