ވެސްޓްހޭމް ޔުނައިޓެޑަށް ކުޅެމުންދާ އާރޮން ވެން-ބިސާކާ އެ ކްލަބް ދޫކޮށް އެސްޓަން ވިލާއަށް ބަދަލުވާން ނިންމައިފިއެވެ.
ކޮންގޯއަށް އުފަން އުމުރުން 28 އަހަރުގެ ޑިފެންޑަރ އެސްޓަން ވިލާ އާއި ފުރަތަމަ ގުޅެނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މި ސީޒަނަށްފަހު އޭނާ އާއިއެކު ދާއިމީ އެއްބަސްވުމެއް ހެދޭފަދަ މާއްދާއެއް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.
ވެސްޓްހޭމް އާއި އެސްޓަން ވިލާއަށް ބަދަލުވެފައިވާ ގޮތުގެ މާ ބޮޑު މައުލޫމާތެއް މީޑިޔާ އާއި ހިއްސާކޮށްފައިނުވާއިރު, މީގެ ކުރިން ވެސްޓްހޭމް އިން ބުނެފައިވަނީ ވެން-ބިސާކާ ވިއްކާލާނީ 25 މިލިއަން ޕައުންޑްގެ ފީއެއް ހުށައަޅާ ފަރާތަކަށް ކަމަށެވެ.
ޕްރިމިއާ ލީގުން ރެލިގޭޓްވެ ޗެމްޕިއަންޝިޕްގައި މިހާރު ކުޅެމުންދާ ވެސްޓްހޭމް އިން އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ މެތިއުސް ފެނާންޑޭޒް 85 މިލިއަން ޕައުންޑަށް އަދި ސަމަރވިލް 60 މިލިއަން ޕައުންޑަށް ވަނީ ޓޮޓްނަމް ހޮޓްސްޕަރއަށް ވިއްކާލާފައެވެ. ނަމަވެސް ކެޕްޓަން ޖެރޮޑް ބޮވެން ވަނީ އެއްބަސްވުން އައުކޮށްފައެވެ.
އެސްޓަން ވިލާއިން ޓީމަށް ބަދަލުތަކެއް ގެންނަމުންދާއިރު އެންމެ ފާހަގަކޮށްލެވެނީ ވިލާގެ މީޑްފީލްޑަރ މޯގަން ރޮޖާރސް 117 މިލިއަން ޕައުންޑްގެ ފީއަކަށް ޗެލްސީއަށް ވިއްކާލާފައިވުމެވެ.
ނަމަވެސް އެ ކްލަބުން ވަނީ ސްވިޒަލޭންޑްގެ ޔޮހާން މަންޒަމްބީގެ އިތުރުން މިޑްފީލްޑަރ ޖޮއާއޯ ގޯމޭޒް އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އިން އަލެހަންދްރޯ ގަނާޗޯ އެ ކްލަބަށް ގެންގޮސްފައެވެ.