ޤުރްއާން މާއްދާގެ އެސްއެސްސީ އިމްތިޙާނު 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމުގެ ގޮތުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް، އަންނަ ނޮވެމްބަރު މަހު ޕައިލެޓް ޓެސްޓް ބާއްވަން ނިންމައިފިއެވެ.
ނޮވެމްބަރު މަހު ޕައިލެޓް ޓެސްޓް ބާއްވާ 10 ސްކޫލަށް އެކަމާގުޅުން ހުރި މެމޯތައް ތަޢުލީމީ ވުޒާރާއިން ވަނީ ފޮނުއްވާފައެވެ. އުޞޫލުގައި ބުނެފައިވާ ގޮތުން ޓޮޕް ޓެންގެ ވަނަތައް ލިބޭނީ ވެސް މި އިމްތިޙާނުން ފާސްވާ ދަރިވަރުންނަށެވެ.
ޕައިލެޓް ޓެސްޓް ބާއްވާނީ ދެވަނަ ޓާމް ޓެސްޓު ނިމުމުންނެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާއެވެ. އެ މަރުހލާއަށް ސްކޫލްތައް ހޮވާފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުންނެވެ.
މި އިމްތިޙާނުން ފާސްވާ ދަރިވަރުންނަށް އެސްއެސްސީ އިމްތިޙާނުގެ ސަނަދު ދޭން ނިންމާފައިވާއިރު، އެ ސަނަދަކީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުންދޭ ޤައުމީ ފެންވަރުގެ ސަނަދެކެވެ.
ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުން ހަދާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިޙާނުގެ މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ހިމެނުމަށް ސަރުކާރުން ނިންމަވާފައިވާކަން ރަސްމީކޮށް ހާމަކުރެއްވީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ދެއްވި ޚިޠާބުގައި ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދާއެކު ގެންނަވާ މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނުގެ ޢިލްމަށް ލޯބިއަށަގެންނެވުމާއި، އެ ޢިލްމު އުނގެނުމަށް ދަރިވަރުން ޝައުޤުވެރިކުރުވުންކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
2027 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޤުރުއާން މާއްދާ ރަސްމީކޮށް ހިމަނައި، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.