ޚަބަރު

ނިއު ބަލިކޮށް މާޒިޔާއިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި


  • މި މެޗު މާޒިޔާއިން ކާމިޔާބުކުރީ ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން ކުރިހޯދައިގެން

  • މިއީ މާޒިޔާއިން ކަޕް ވިނާސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރު

  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މާޒިޔާގެ އަހުމަދު އައިހަމް

ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަޕް ވިނާސް ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މާޒިޔާއާއި ނިއުރޭޑިއަންޓް އެންމެ ފަހުން ބައްދަލުކުރި ހަތަރު މެޗު ވެސް މި ނިމުނީ 90 މިނިޓްގައި ނަތީޖާ ނުނެރެވިއެވެ. އަނެއްކޮޅުން މިއީ ނިއުރޭޑިއަންޓުން ޕެނަލްޓީގައި މާޒިޔާ އަތުން ވިދިވިދިގެން ބަލިވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި އަދި ޗެރިޓީ ޝީލްޑް މެޗުގައި ވެސް މާޒިޔާއިން ވަނީ ޕެނަލްޓީގައި ނިއުރޭޑިއަންޓްގެ މައްޗަށް ކުރިހޯދައިފައެވެ.

ކަޕް ވިނާސް ކަޕް އެންމެ ފަހުން ބާއްވައިފައިވަނީ 2008 ވަނަ އަހަރުގައެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓުންނެވެ.

ބުދަ ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގެ ހަތަރުވަނަ މިނިޓްގައި މާޒިޔާއިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މިއީ އިބްރާހީމް މަހުދީ ދިން ބޯޅައަކުން ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން ކާމިޔާބުކުރި ގޯލެކެވެ. އެކަމަކު މެޗުގެ 16 ވަނަ މިނިޓްގައި ނިއުރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ މާޒިޔާގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފާސިރު ޖަހައިދިން ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ވަނީ އަލުން އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 35 ވަނަ މިނިޓްގައި ފާސިރު ވަނީ ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ މާޒިޔާގެ ކުޅުންތެރިން ފައުލަކަށް އެޕީލްކޮށް ކޮންސެންޓްރޭޝަން ދަށްވި ވަގުތުގެ ފައިދާ ނަގައި ފާސިރު ކާމިޔާބުކޮށްދިން ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. މެޗުގެ 90 މިނިޓް ހަމަވިއިރު، 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައި ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި މާޒިޔާގެ އިލާން، އިބްރާހީމް އައިސަމް، ހައިޝަމް ހަސަން އަދި ބެންޖެމިން ތޯމަސް ކުކޫ ޖެހި ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފައެވެ. ނިއުރޭޑިއަންޓުގެ ޑޮލިއެރޮންޓަން އަދި މޫސާ ޔާމީން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މާޒިޔާގެ އަހުމަދު އައިހަމްއެވެ.