ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާޒިޔާއާއެކު، ކާމިޔާބު ހޯދައިދެވުމުން އެކަމާ ހިތްހަމަ ޖެހިފައި ހުރި ކަމަށާއި، މާޒިޔާއިން ލީގަށް ނުކުންނާނީ ވެސް ލީގު ކާމިޔާބުކުރަން ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ.
މާޒިޔާއިން ވަނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިފައެވެ. އެކަމަކު އެ މެޗުގައި ޓުރުޗާ އިނީ ކުޅިބަލަންށެވެ. އެ ފަހުން މާޒިޔާއާއެކު ޓުރުޗާ ނުކުތް ފުރަތަމަ މުބާރާތަކީ ކަޕް ވިނާސް ކަޕެވެ. މި މުބާރާތުގެ ތަށި މާޒިޔާއިން ފުރަތަމަ ފަހަރަށް މި ހޯދީ ނިއުރޭޑިއަންޓްގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.
ޓުރުޗާ ބުނީ މާޒިޔާއާ ހަވާލުވެ، މުބާރާތައް ޓީމު ތައްޔާރުކުރަން މާކަ ގިނަ ވަގުތެއް ނުލިބޭ ކަމަށެވެ. އެކަމަކުވެސް މާޒިޔާއިން މި ފަހަރުގެ މުބާރާތުގައި ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ޓުރުޗާ ބުންޏެވެ. އަދި މާޒިޔާއިން މި ފަހަރުގެ މުބާރާތައް ނުކުތްއިރު، އެ ޓީމުގެ ސްކޮޑަށް ބޮޑު ބަދަލެއް އައިސްފައިވުމާއެކުވެސް މި ފަހަރުގެ މުބާރާތް އެ ޓީމަށް ކާމިޔާބުވުން އެއީ ޓީމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ޓުރުޗާ ފާހަގަކުރިއެވެ.
"މާޒިޔާ ނޫނަސް ވަރުގަދަ ޓީމުތައް އެބަހުރި. ނިއުރޭޑިއަންޓަށް ބެލިއަސް ރަނގަޅު ބިދޭސީ ކުޅުންތެރިންނާއެކު ވަރަށް ވަރުގަދަކޮށް އެ އޮތީ. އެކަމަކު މުބާރާތް ކުޑަދުވަސްކޮޅެއް ތެރޭގައި ކާމިޔާބުކުރެވުން އެއީ ޓީމަށް ލިބޭ އިތުރު ހިތްވަރެއް" ޓުރުޗާ ބުންޏެވެ.
ޓުރުޗާ ބުނީ މާޒިޔާއިން ލީގަށް ނުކުންނައިރު، ތިން ހަފްތާއެއްވަރު ޓީމު އެކުލަވާލުމަށް ލިބުން އެއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.