ޚަބަރު

"ދޯސްތީ 13" ނިންމާލައިފި


އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގި އެކްސަސައިޒް ދޯސްތީ 13 ނިންމާލުމަށްފަހު އެކްސަސައިޒްގައި ބައިވެރިވުމަށް ރާއްޖެ ޒިޔާރަތްކުރި މަނަވަރުތައް މިއަދު ފުރައިފިއެވެ.

މިމަހު 25 ން 28 ގެ ނިޔަލަށް ހިނގި ޓްރައިލެޓަރަލް އެކްސަސައިޒް ދޯސްތީ 13 ގައި ބައިވެރިވި އިންޑިއާ ކޯސްޓްގާޑު ޝިޕް ސަމަންދުރަ ޕަވަކް އާއި ސްރީލަންކަން ކޯސްޓްގާޑު ޝިޕް ސާގަރާ ފުރާފައިވަނީ އިއްޔެއެވެ. ތިން ޤައުމު ގުޅިގެން ހިންގި އެކްސަސައިޒް ދޯސްތީ 13 ގައި ކަނޑުމަތީގެ ރެސްކިއު އޮޕަރޭޝަނާއި ކަނޑުމަތިން ސަލާމަތްކުރާ މީހުންނަށް ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި ހާލު ދެރަވެފައިވާ މީހުން އަވަސް ގޮތަކަށް އެންމެ ކައިރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި ކަނޑުމަތިން މީހުން ސަލާމަތްކުރާނެ ގޮތްތައްވެސް މި އެކްސަސައިޒްގައި ފަރިތަކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

img:http://s1.psmnews.mv/images/660x400/14774700800381.jpg|"ދޯސްތީ 13" ތަމްރީންތަކުގައި ބައިވެރިވި ލަންކާގެ ކޯސްޓްގާޑުގެ މަނަވަރު

މި އެކްސަސައިޒަކީ ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި އޮޕަރޭޝަންތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކުރުމުގެ މަޤްޞަދުގައި ބޭއްވި ތަމްރީނުތަކެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ބާއްވާފައިވަނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ބާއްވާފައިވާއިރު މި އެކްސަސައިޒްގައި އޮބްޒާވަރެއްގެ ގޮތުގައި ޝީޝެލްސްގެ އަސްކަރިއްޔާއިން ވަނީ ބައިވެރިވެފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ކޯސްޓްގާޑުން ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މިއީ އެކްސަސައިޒް ދޯސްތީގެ 13 ވަނަ އެކްސަސައިޒެވެ.