ޚަބަރު

ފުލުހުންގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މީރާއިން މަޝްވަރާކޮށްފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މަސައްކަތްތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުުން އެހީތެރިކަން ފޮރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ޕޮލިހުން ވިދާޅުވީ މި ބައްދަލުވުމުގައި ޓެކުހުގެ ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކޮށް ޓެކުހުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެެވެނިއު އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ އޮޓޯރިޓީން ތަހުޤީޤްކުރާ މައްސަލަތަކުގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި ފޮރެންސިކް ޚިދުމަތްތައް ބޭނުންކުރެވިދާނެ ގޮތްތަކާއި އެގޮތްތައް ދެނެގަނެ ފުލުހުންނާއި މޯލްޑިވްސް އިންލެންޑް ރެެވެނިއު އޮތޯރިޓީ ގުޅިގެން ތަހުޤީޤް ކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެެވެނިއު އޮތޯރިޓީގައި މަސައްކަތްކުރާ މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ ތަމްރީންތައް ފުލުހުންގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އާއި ގުޅިގެން ފަރުމާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށްވެސް ޕޮލިހުން ވިދާޅުވެއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އިސް ބޭފުޅުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.