ޚަބަރު

ޕްރައިސް ޕްލެޓްފޯމުގައި ހުރި ގޮންޖެހުންތަކާ މެދު ކޮޕް-17 ގައި މަޝްވަރާކޮށްފި


  • ސެޓެލައިޓް ފޮޓޯތަކުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން ރާއްޖޭއަށް އަންނަ ބަދަލުތައް ސާފު ނޫންކަން ފާހަގަކޮށްފައިވޭ

  • 'ޕްރައިސް' ރިޕޯޓިންގ ޕްލެޓްފޯމް ބޭނުންކުރުމުގައި ދިމާވާ ފަންނީ ދަތިތައް ފާހަގަކޮށްފައިވޭ

ކުދި ޖަޒީރާ ޤައުމުތަކަށް 'ޕްރައިސް' ޕްލެޓްފޯމް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކާ މެދު ކޮޕް-17 ގައި މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން، ޔޫ.އެން.ސީ.ސީ.ޑީ ގެ ކޮޕް-17 ގެ ހަވާސާގައި، ޗައިނާ ޕެވިލިއަންގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައެވެ.

މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އަޙްމަދު ޝާން ބައިވެރިވެވަޑައިގެން ވަނީ ވާހަކަދައްކަވާފައެވެ.

މި ޕެނަލް މަޝްވަރާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިރުމަތީ، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ހާލަތާއި، ރިޕޯޓުކުރުމުގައި ދިމާވާ ދަތިތަކާއި އަދި ބޭނުންވާ ޚާއްސަ ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޝާން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ސިޑްސް، ޚާއްސަކޮށް ތިރި ފަރުފަޅުތަކުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކަށް 'ޕްރައިސް' ރިޕޯޓިންގ ޕްލެޓްފޯމް ބޭނުންކުރުމުގައި ދިމާވާ ފަންނީ ދަތިތައް ފާހަގަކުރައްވާފައެވެ.

މިހާރު މި ޕްލެޓްފޯމް އެކުލަވާލެވިފައިވާ ގޮތާއި ބޭނުންވާ މަޢުލޫމާތުތަކަކީ، ރާއްޖެ ފަދަ ބިމުގެ ސަރަޙައްދު ކުޑަ، ރަށްތައް ވަކިވަކިން ބެހިފައިވާ އަދި މޮނިޓަރ ކުރުމުގެ ޤާބިލުކަން ކުޑަ ޤައުމުތަކުގެ ޙަޤީޤީ ހާލަތާ އެކަށޭނަ ގޮތަކަށް ހުރި ކަންކަން ނޫން ކަމަށް ޝާން ވިދާޅުވިއެވެ.

ބިމުގެ ބޭނުން ހިފާ ގޮތް ދެނެގަތުމަށް ބޭނުންކުރާ ސެޓެލައިޓް ފޮޓޯތަކުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން، ރާއްޖޭގެ ތިމާވެށި ދެނެގަތުމަށާއި ޕްލޭން ކުރުމަށް މުހިންމުވާ ކުދިކުދި ބިން ގިރުމުގެ މައްސަލަތަކާއި އައްސޭރިފަށަށް އަންނަ ބަދަލުތައް ސާފުކޮށް ނުފެންނަކަން ޝާން ފާހަގަކުރެއްވިއެވެ.

ޝާން ދެއްކެވި ވާހަކައިގައި ރާއްޖެއިން އުއްމީދު ކުރަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ކޮޕް އާ ގުޅިގެން، ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ އުސޫލުތައް އެކަށައެޅުމަށާއި، ރަނގަޅު ފެންވަރުގެ ހައި-ރިޒޮލިއުޝަން ޑޭޓާ ހޯދުމަށްކަން ފާހަގަކުރެއްވިއެވެ. އަދި ސައްޙަ މައުލޫމާތު ރިޕޯޓުކުރުމަށާއި މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ޤައުމުތަކަށް ބޭނުންވާ ފަދަ ޚާއްސަ ތަމްރީނާއި ޤާބިލުކަން އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށްވެސް ޝާން ވިދާޅުވިއެވެ.