ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް %10އަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ 54 މެންބަރުންގެ ވޯޓާއެކުގައެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް 2 މެމްބަރުން ވޯޓުދެއްވިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މަޤުޞަދަކީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ޤާއިމުކުރުމެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިންގެ ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ %10 ދައްކަންޖެހޭނެއެވެ. މިހާރު ޤާނޫނުގައިވާ ގޮތުން އެފަދަ ކޮންޓްރެކްޓަރުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ އެ ލިބޭ ޖުމްލަ ފައިސާގެ %5 އެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި، މި އިސްލާހާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެއެވެ.