ހއ. އުލިގަމުގައި އަލަށް ތަރައްޤީކުރާ ޔޮޓް މެރީނާއާއެކު އުތުރަކީ ވިޔަފާރި ބޭނުންތަކަށް ބޭނުންކުރާ ޔޮޓްތަކުގެ މުހިންމު ހަބަކަށް ވާނެކަމަށް އިޤްތިޞާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އުލިގަމަކީ، ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރު ކުރާ މަންޒިލެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ ޢަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ. ނަމަވެސް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެރަށަށް ފައިބާ ފަތުރުވެރިންނަށް ޚިދުމަތްދޭނެ ތަންތަން ރަށުގައި ޤާއިމްވެފައި ނެތުމެވެ. އުލިގަމަށް ޚާއްޞަ އިޤްތިޞާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްޤީކޮށް މި ޚިދުމަތް ފުޅާކޮށް، އިޤްތިޞާދީ ނަފާ ހޯދުމަކީ މިސަރުކާރުގެ އަމާޒެކެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ އަލަށް ގާއިމުކުރެވޭ ޔޮޓް މެރީނާގެ ސަބަބުން، އުލިގަމާއި އުތުރުގެ ސަރަހައްދަކީ ރެކްރިއޭޝަނަލްއާއި ވިޔަފާރި ބޭނުންތަކަށް ބޭނުންކުރާ ޔޮޓްތަކުގެ މުހިންމު ހަބަކަށް ވާނެކަމަށެވެ. އަދި މީގެ ސަބަބުން، އެފަދަ އުޅަނދު ފަހަރަށް ބޭނުންތެރި، ރައްކާތެރި އަދި ލުއިފަސޭހަ ބަނދަރެއްގެ ޚިދުމަތް ކަށަވަރުވާނެކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
Congratulations Uligam and @portmv!
— Mohamed Saeed (@em_saeed) August 24, 2026
The new yacht marina will strengthen Uligam and the northern region as a hub for recreational and commercial yachts, providing a much-needed safe and convenient harbour.
Delivering a key pledge of H.E. President Dr. Mohamed Muizzu. pic.twitter.com/iaVipprSXw
ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ޤާއިމުކުރުމަށް ބޭނުންވާ ބިން ހޯދުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ޔޮޓު މެރީނާ ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިމަހު ފެށުމަށް އެމްޕީއެލްއިން އަންނަނީ ތައްޔާރުވަމުންނެވެ. އެމްޕީއެލްއިން މިމަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ސަސް އީކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެމްޕީއެލްއިން ކުރިން ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭ މެރީނާއެއް ތަރައްޤީ ކުރެވޭނެއެވެ. މި މެރީނާއިން ޔޮޓު ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބޭނެ ކަމަށާއި، އަދި އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް މި މެރީނާއިން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
އުލިގަމުގައި ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ވަކިން ޚާއްޞަ ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި މޫދުގައި އަޅާ ފްލޯޓިން ޕްލެޓް ފޯމް 3 މީޓަރު ފުޅާވާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިސަރަޙައްދަށް ކައިރި ކުރެވޭނީ، 12 މީޓަރާއި 15 މީޓަރުގެ ދިގު އުޅަނދުފަހަރަށް ކަމަށްވެސް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކާ ކައިރީގައި އޮންނަ ރަށަކަށް ވުމާއެކު، އެ ރަށުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަކީ ރާއްޖޭގެ މެރިޓައިމް އަދި ޓޫރިޒަމް ދާއިރާއަށް ލިބޭނެ ކުރިއެރުމެކެވެ.