ޚަބަރު

ވިހެއުމުގެ ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލައަށް ހައްލެއް


  • އުޞޫލުގެ 3 ވަނަ މާއްދާއަށް 6 އިސްލާހެއް ގެނެސްފައިވޭ

  • މެދުކެނޑުމަކަށްފަހު ދެ އަހަރުގެ ޕީއޭއިން 85 މާކްސް ހޯދޭނެ ގޮތަށް ބަދަލުކޮށްފައިވޭ

ވިހެއުމަށް ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރަން ސިވިލް ސާވިސް ކޮމިޝަނުން އުސޫލަށް ބަދަލު ގެނެސްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވަނީ، ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. މިއުޞޫލުގެ 3 ވަނަ މާއްދާއަށް 6 އިސްލާހެއް ގެނެސްފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ގެނައި އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ، މުސާރައިގެ ކުރިއެރުން ދިނުމުގައި ޖެހިޖެހިގެން ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލްއިން 85 މާކްސް ހޯދުމުގެ ބަދަލުގައި، މެދުކެނޑުމަކަށްފަހު ވެސް ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް އިން 85 މާކްސް ހޯދޭނެ ގޮތަށް ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ވިހެއުމުގެ އިތުރުން ބޭސްފަރުވާކުރުން ފަދަ ދިގު މުއްދަތުގެ ޗުއްޓީއަކަށް ދާ މީހުންނަށް ވެސް އަމަލުކުރާނީ, މި އުސޫލުގެ ދަށުންނެވެ.

މިއަހަރުގެ ޖަނަވަރީމަހު ވަނީ، ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލުގެ ތެރެއިން މަޤާމުގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ސިވިލް ސަރވިސް ކޮމިޝަނުގެ އުސޫލު އިސްލާހު ކޮށްފައެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައި މުސާރައިގެ ކުރިއެރުން ދެވޭނ،ީ މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަވުމުންނެވެ.

ސީއެސްސީން އުސޫލަށް ގެނައި ބަދަލުގެ ސަބަބުން މަޤާމުގެ ކުރިއެރުން ހައްގުވެ މުސާރައިގެ ކުރިއެރުން ލިބުމުގައި އިދާރީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވުމާއި ހަމައަށް މުސާރައަށް ކުރިއެރުން ނުލިބޭ މުވައްޒަފުންނަށް ކުރިއެރުން ފަހުން ލިބުނު ކަމުގައިވިއަސް އެ މުއްދަތަށް ނުލިބިވާ މުސާރަ އެފަރާތްތަކަށް ލިބޭނެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ފުރަތަމަ އާންމުކުރީ، މިދިޔަ އަހަރު އޮކްޓޯބަރ މަހުއެވެ. މި އުސޫލުގައިވާ ގޮތުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން މުސާރައިގެ ކުރިއެރުންކަމުގައި ބަލާފައިވަނީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަޤާމުގެ އެލަވަންސް" ގެ 1ވަނަ ހަރުފަތުން 2 ވަނަ ހަރުފަތަށް އަދި 2 ވަނަ ހަރުފަތުން 3 ވަނަ ހަރުފަތަށް ލިބޭ ކުރިއެރުމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މިހާރު އައު ޕޭ ފްރޭމްވޯކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއިދާރާއަކުން ކުރިއެރުންދޭއިރު، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، އެއަހަރުގެ ތެރޭގައި މުސާރައިގެ ކުރިއެރުން ދޭންޖެހޭނެ ކަމަށް އަންދާޒާކުރާ މުވައްޒަފުން ފާހަގަކުރަން ޖެހެއެވެ. އަދި އެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމަށް އިތުރަށް ހިނގާނެ ޚަރަދު ބަޖެޓުގައި ހިމަނަން ޖެހެއެވެ. މި ނޫން ހާލަތްތަކުގައި ކުރިއެރުން ދެވޭނީ، މާލީ ވުޒާރާއިން ވަކިން ލިޔުމުން ހުއްދަ ހޯދައިގެން ކަމަށް ސިވިލް ސަރވިސްގެ ޤަވާއިދުގައިވެއެވެ.