ޚަބަރު

އެންމެ ބޮޑު ވަޤްފު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި


  • މި އިމާރާތް އަޅަނީ އަމީން އެވެނިއު ކުރިމަތީ އޮންނަ ބިމުގައި

  • މި މަޝްރޫއަށް 244 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވޭ

ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް 244 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުއާރުސީއާއި ޙަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދާ، މި އިމާރާތް އަޅަނީ ހުޅުމާލެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ)ގައި އޮންނަ ބިމުގައެވެ. ޒަމާނީ ވަސީލަތްތަކާއެކު 13 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތަކީ، ޕާކިންގ ސަރަޙައްދެއް އެކުލެވޭގޮތަށް އިމާރާޓްކުރާ ތަނެކެވެ. އަދި ​ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަޙައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ކޮންފަރެންސް ހޯލަކާއި، ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިއެއް މި އިމާރާތުގައި ހުންނާނެއެވެ. އަދި މި ޢިމާރާތުގައި ޑޭ ކެއަރ ސެންޓަރެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. ދާރުއްސަލާމް ވަޤުފް އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ. މިޢިމާރާތުގެ ރޫފް ޓޮޕަކީ އޯޕަން ޓެރަސްއެއްގެ ގޮތުގައި ޤާއިމްކުރާ ބައެކެވެ.

މި މަޝްރޫޢު ނިންމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރްސީސީއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ، ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢެކެވެ.

މި މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 60 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެއެވެ. އެތަނުން ލިބޭ އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެެވެ.

26 ނޮވެންބަރު 2025ގައި މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ، ރައީީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.