ޚަބަރު

މެލޭޝިޔާގެ ޖޮހޯރުން ބަލިނުވުމުގެ ދުނިޔޭގެ ރެކޯޑް ހަދައިފި


މެލޭޝިޔާގެ ސުޕަ ލީގު ކުލަބު ޖޮރޯހު އެފްސީއިން އެއްވެސް މެޗަކުން ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ދުނިޔޭގެ ރެކޯޑް މިދިޔަ ހުކުރު ދުވަހު ހަދައިފި އެވެ.

ވިދިވިދިގެން 12 ވަނަ ފަހަރަށް ހުސްވި ސީޒަނުގައި ސުޕަ ލީގު ކާމިޔާބު ކުރި ކުލަބުން ވަނީ މި ސީޒަނުގެ ފުރަތަމަ މެޗާއެކު ބަލިނުވެ 109 މެޗު ހަމަކޮށްފަ އެވެ. ކުރިން މި ރެކޯޑް އޮތީ 1989 އިން 1994 އަށް ބަލިނުވެ 108 މެޗު ހަމަކޮށްފައިވާ އައިވަރީ ކޯސްޓްގެ އޭއެސްއީސީ މިމޯސަސް ކުލަބުގަ އެވެ.

ހުސްވި ސީޒަން ޖޮހޯރުން ނިންމާލީ ލީގުގެ ފަހު މެޗުގައި އެ ޓީމުގެ އެންމެ ބޮޑު އެއް ވާދަ ވެރިޔާ ކެލަންޓަން ކޮޅަށް 14 ލަނޑު ޖަހައިގެންނެވެ. އެ މެޗާއެކު މިމޯސަސްގެ އަތުގައި ރެކޯޑާ އެއްވަރުވި ނަމަވެސް ޖޮހޯރަށް ރެކޯޑް އަމިއްލަ ކުރަން ގިނަ ވަގުތު ނެގީ އައު ސީޒަން ފެށުމާމެދު މަސްތަކެއް ހޭދަވާތީ އެވެ.

ޖޮހޯރުން މިހާރު އުއްމީދު ކުރަމުންދަނީ ޖެހިޖެހިގެން އެންމެ ގިނަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް ހެދުމަށެވެ. މި ރެކޯޑް މިވަގުތު އޮތީ 15 ފަހަރު ލީގު ކާމިޔާބު ކޮށްގެން ވަނުއާޓޫގެ ކުލަބު ތެއިފާ އެފްސީގެ އަތުގަ އެވެ.