އީރާނުގެ އިޤުތިޞާދު ފުނޑުފުނޑު ކޮށްލުމުގެ ގޮތުން އެމެރިކާއިން އެންމެ ފަހުން އިޢުލާނު ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ އެކުވެރިން ބޯނުލަނބާނެ ކަމަށާއި، އެ ފިިޔަވަޅުތަކަށް އީރާނުގެ ބައިވެރިން ދެކޮޅުހަދާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ބުނެ، ފިޔަވަޅުތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މި ދަނޑިވަޅުގައި، ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙުސިން ނަޤްވީ ވަނީ، އެމެރިކާއާއި ޞިހްޔޫނީ ޔަހޫދީން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާނާއި އީރާނާ ދެމެދު ތެހެރާނުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހާސިލު ކުރެވިފައިވާ ކަން އިޢުލާނު ކުރައްވާފައެވެ. ޕާކިސްތާނުން މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު ޖޫން މަހު ސޮއިކުރެވުނު ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އެމެރިކާއިން ވަނީ ބާޠިލު ކޮށްފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ، އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޢާޞިމް މުނީރު އީރާނުގެ އިސްވާރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ހަނގުރާމަ އިތުރަށް ފުޅާވިޔަނުދިނުމަށާއި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ކަމުގައެވެ. މުނީރު ތެހެރާނަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އީރާނަށް އިޤުތިޞާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އީރާނުން ވެސް ވަނީ ގަލްފުގެ ޤައުމުތަކުން ތެޔޮ އެކްސްޕޯޓު ކުރުމަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ތަކުރާރު ކޮށްފައެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ، އީރާނަށް އެހީތެރިކަން ފޯރުކޮށްދޭ 60 ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިޢުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި، ވަކިވަކި ފަރުދުންނާއި، ކުންފުނިތަކާއި އުޅަނދުފަހަރު ހިމެނެއެވެ. ނަމަވެސް، ދުނިޔޭގެ މާލީ ނިޒާމަށް ކުރިމަތިވެދާނެ ގެއްލުންތަކަށް ރިޢާޔަތްކޮށް، ޗައިނާގެ ބޭންކުތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފައެވެ. އީރާނުގެ އިޤުތިޞާދީ ވަޒީރު ޢަލީ މަދަނީޒާދާ ވިދާޅުވީ، ދުޝްމަނުންގެ "އިޤުތިޞާދީ ނިރުބަވެރިކަމުގެ" ހަމަލާތަކަށް އީރާނުން ފުރިހަމައަށް ތައްޔާރަށް އޮތް ކަމުގައެވެ. އަދި، އެމެރިކާގެ ފިއްތުންތަކަށް އީރާނުގެ އެކުވެރިންނާއި ބައިވެރިން ދެކޮޅު ހަދާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައެވެ. އަދި، އީރާނުގެ ބިނާރަށް ނުރައްކާކޮށްފި ނަމަ، ގަލްފުން ތެޔޮ ބޭރުކުރާ މަގުތަކަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އެންމެ ފަހުން އިޢުލާނު ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާއިން ވަނީ ރައްދު ދީފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ، ދަތިކުރުމުގެ ފިޔަވަޅުތަކަކީ ފައިދާއެއް ހުރި ކަމެއް ނޫން ކަމަށާއި، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް އޮތް ކަމުގައެވެ. މަސްރަޙުގެ ދާރިސުން ވިދާޅުވީ، ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އެޅުމަށް އެމެރިކާއިން ޖެހިލުންވާނެ ކަމުގައެވެ. ސަބަބަކީ، އެ ފަދަ ފިޔަވަޅެއް އަޅައިފި ނަމަ، ޗައިނާއިން ރައްދުގައި އެމެރިކާއާ ދެކޮޅަށް ފިޔަވަޅުތައް އެޅުމެވެ. މި ގޮތުން، ޗައިނާއިން އަޅާފާނެ ކަމަށް ބެލެވޭ އެއް ފިޔަވަޅަކީ، އެ ޤައުމުގެ ބާރުގެ ދަށުގައި ހުރި މުހިންމު އަދި އަގުހުރި މަޢުދަނު އެމެރިކާއަށް އެކްސްޕޯޓު ކުރުމަށް ހުރަސްއެޅުމެވެ. މި ފަދަ ފިޔަވަޅެއް އަޅައިފިނަމަ، އެމެރިކާގެ އުފެއްދުންތެރިކަމުގެ ޞިނާޢަތަށް، ޚާއްޞަކޮށް ދިފާޢީ އުފެއްދުންތެރިކަމަށް، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.