ޚަބަރު

މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް ސަފީރުން އަނބުރާ ފޮނުވަނީ


އިރާނާއެކު އުފެދުނު ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން އަނބުރާ ގެންދިޔަ އެމެރިކާގެ ސަފީރުން، އެ ގައުމުތަކުގައިވާ އެމްބަސީތަކަށް އަލުން ފޮނުވުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ.

އިރާނާއެކު ހިނގި ހަނގުރާމައިގެ ކުރިންނާއި ހަނގުރާމައިގެ ތެރޭގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުން އަނބުރާ ގެންދިޔަ އެމެރިކާގެ ސަފީރުން، އަލުން އެ ގައުމުތަކަށް ފޮނުވުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފިއެވެ. އެ ނޫހުން ބަޔާންކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގައިވާ އެމެރިކާގެ މިޝަންތަކުގައި އަޅާފައިވާ ކުއްލި ހާލަތުގެ ފިޔަވަޅުތައް އުވާލައި، މި ހަފުތާގެ ތެރޭގައި އަނބުރާ އެ ގައުމުތަކަށް މުވައްޒަފުން ފޮނުވަން ފަށާނެއެވެ.

ނިއުޔޯކް ޓައިމްސްއ ހާމަކުރި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ އެންބަސީތަކުގެ ސަލާމަތީ ހާލަތު އެ ގައުމުން އަބަދުވެސް އަންނަނީ ވަޒަންކުރަމުންނެވެ. އަދި އެންމެ ފަހުގެ ހާލަތަށް ރިއާޔަތްކޮށް، މެދުއިރުމަތީގެ ބައެއް އެންބަސީތަކުގެ މުވައްޒަފުންގެ އަދަދަށް ބަދަލު ގެންނަމުންދަނީ، އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމާއެކު، މުވައްޒަފުންގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރުމަށްޓަކައެވެ.

ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެންމެ ފުރަތަމަ ސަފީރުން ފޮނުވުމަށް ހަމަޖެހިފައިވަނީ ލުބުނާނުގައި ހުންނަ އެމެރިކާގެ އެމްބަސީއަށެވެ. ނަމަވެސް އެ އެމްބަސީގެ މުވައްޒަފުންގެ އަދަދު އަދި ކުރީގެ ހާލަތަށް މުޅިން އިއާދައެއް ނުކުރާނެއެވެ. އެހެންނަމަވެސް، އުރުދުން އޮމާން އަދި ޔަހޫދީ ދައުލަތުގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް މުވައްޒަފުން ފުރިހަމައަށް އަނބުރާ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޔޫއޭއީ، ސައޫދީ އަރަބިއްޔާ، ގަތަރު އަދި ލުބުނާނުގައިވާ އެންބަސީތަކުގެ މުވައްޒަފުންގެ އަދަދު ކުރީގެ ނިސްބަތުން 85 އިންސައްތަ ގައި ހިފެހެއްޓުމަށް ނިންމާފައިވާއިރު، އިރާގު، ކުވައިތު އަދި ބަހުރައިންގައިވާ އެންބަސީތަކުގައި މަސައްކަތްކުރާނީ ކުރީގެ 75 އިންސައްތަ މުވައްޒަފުންނެވެ.

އިރާނާއެކު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ޔަހޫދީ ދައުލަތުގައި ތިބި މަޖުބުރު ނޫން މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް އެ ގައުމުން ފޭބުމުގެ ހުއްދަ ވޮޝިންޓަނުން ދޭން ފަށާފައިވަނީ ފާއިތުވި ފެބްރުއަރީ މަހުގެ ތެރޭގައެވެ.