ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑްގައި މިހާރު އޮތީ ވަރަށް ފުރިހަމަ ސްކޮޑެއް ކަމަށާއި އިތުރު ކުޅުންތެރިއެއް އެޓީމަށް ގެންނަން ބޭނުން ނުވާކަމަށް ހޯސޭ މޮރީނިއޯ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ލަލީގާގައި މިރޭ ރެއާލް ސޮސިއެޑާޑް އާއި ބައްދަލުކުރާ ސީޒަންގެ ދެވަނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މިމެޗު ވާނީ މޮރީނިއޯ ރެއާލްގެ ކޯޗު ކަމާއި ދެވަނަ ފަހަރަށް ހަވާލުވިފަހުން ސަންތިއާގޯ ބެރުނަބޫގައި ކުޅޭ ފުރަތަމަ މެޗަށެވެ. މޮރީނިއޯ ބުނީ ރެއާލް އަށް އިތުރު ކުޅުންތެރިއެއް ސޮއި ކުރުމުގެ ރިކުއެސްޓެއް ނެތް ކަމަށާއި އަދި މިފަހަރުގެ ޓްރާންސްފަރ ވިންޑޯގައި އެޓީމުން އިތުރު ކުޅުންތެރިއެއް ދިއުމަށްވެސް ނޭދޭކަމަށެވެ.
މޮރީނިއޯ ބުނީ އޭނާގެ އެނބުރިއައުން ރެއާލްގެ ސަޕޯޓަރުން ކުލަގަދަކޮށް ފާހަގަ ކުރަން ބޭނުން ނުވާ ކަމަށާއި އޭގެބަދަލުގައި އެދެނީ ހުރިހާ ސަޕޯޓަރުންވެސް ޓީމަށް ފުރިހަމަ ސަޕޯޓެއް ކުރުން ކަމަށެވެ. މީގެއިތުރުން ކިލިއަން އެމްބާޕޭ އާއި ވިނީޝިއަސް ޖޫނިއަރ އަދި ޖޫޑް ބެލިންގހަމްއަށް އެއް ޓީމެއްގައި ނުކުޅެވެންވީ ސަބަބެއް ނެތް ކަމަށާއި އެކުޅުންތެރިން އެކުގައި އެއްޓީމަކަށް ކުޅުމުން ޓީމަށް ކުރާ ފައިދާ އެއްކޮށް ކުޅުމުން ލިބޭ ގެއްލުމަށްވުރެ ބޮޑު ކަމަށެވެ. އެހެން ކަމުން އެކުޅުންތެރިން އެއްކޮށް ކުޅެވޭގޮތް ހެދުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.
މޮރީނިއޯގެ ވާހަކަައިގައި އޭނާވަނީ ވިނީޝިއަސް ޖޫނިއަރއަށްވެސް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. މިގޮތުން މޮރީނިއޯ ބުނީ ވިނީޝިއަސް އާއި ދޭތެރޭ ރެފްރީންނާއި އެހެން ޓީމުތަކުގެ ކުޅުންތެރިންގެ މެދުގައި ގޮތެއް ކަނޑައެޅިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދަނޑު މަތީގައި އޭނާ އާއި ދޭތެރޭ ކަންކުރެވޭގޮތް ރަނގަޅު ނޫން ކަމަށެވެ. މޮރީނިއޯ ބުނީ ދަނޑު މަތީގައި ވިނީޝިއަސް އަށް ކުރާ ގިނަ ފައުލްތައް ނުދައްކާ ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ފައުލް ކުރުމަށްފަހު ސަލާމަތްވެވޭނެކަން އެހެން ޓީމުތަކުގެ ކުޅުންތެރިންނަށް މިހާރު އެނގޭ ކަމަށެވެ. އަދި މިއީ ތަކުރާރުވަމުން އަންނަ ކަމެއް ކަމަށްވެސް މޮރީނިއޯ ފާހަގަ ކުރިއެވެ.
ރެއާލް އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރުއެވެ.