މިހާރު ކުރިއަށްދާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ އއ. އަތޮޅުގެ ފައިނަލުގައި ބޮޑުފުޅަދޫގެ މައްޗަށް ކުރިހޯދާ އއ. މަތިވެރިން ޗެމްޕިއަންކަން ހޯދައިފިއެވެ.
މަތިވެރި ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 08 ވަނަ މިނިޓްގައި މަތިވެރިއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ތަރި އަލީ އަލްސަންއެވެ. މި ލަނޑަށްފަހު ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް މަތިވެރިއަށް ލިބިގެންދިޔަ ނަމަވެސް ބޮޑުފުޅަދޫ ޓީމުން ވަނީ ރަނގަޅު ޑިފެންސެއްކޮށް އިތުރު ގޯލެއް މަތިވެރިން ޖެހިޔަ ނުދީ ހިފަހައްޓައިފައެވެ.
މި މުބާރާތުގައި އއ. އަތޮޅުން ބައިވެރިވެރިވެފައިވަނީ މި ދެ ޓީމެވެ. އެހެންވެ، އަތޮޅު ޗެމްޕިއަންކަން ކަނޑައެޅީ މި މެޗުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، މަތިވެރި ޓީމު މެޗުން މޮޅުކޮށްދިން ގޯލު ޖެހި އަލްސަންއެވެ. މުބާރާތުގައި އއ. އަތޮޅުން ދެ ޓީމު ބައިވެރިވެފައިވުމުން މި ދެ ޓީމު ވެސް ވަނީ ޒޯން ބުރުން ޖާގަ ހޯދައިފައެވެ.