ޚަބަރު

ޣައްޒާއާއި ސޫދާންގައި ހައިހޫނުކަން ޢާންމުވެ، އދގެ ކަންބޮޑުވުން


ފަލަސްޠީނުގެ ޣައްޒާގެ އިތުރުން ސޫދާނުގެ ޢާންމު ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަން ކަށަވަރު ކުރެވުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ކުރިމަތިވި "ލަދުވެތިކަމެއްގެ" ގޮތުގައި ސިފަކުރައްވައި، އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ހަތިޔާރު ބޭނުންކޮށްގެން ހިންގާފައިވާ އެންމެ ގިނަ ހަމަނުޖެހުންތައް ހިނގާފައި ވަނީ 2025 ވަނަ އަހަރު ކަމުގައެވެ. އަދި، މަދުވެގެން 266 މިލިޔަން މީހުން ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ތަހައްމަލު ކުރަމުންދާ ކަމަށާއި، ހައިހޫނުކަން އެންމެ ބޮޑު 13 ސަރަޙައްދުގެ ތެރެއިން 12 ސަރަޙައްދެއްގައި މި ޙާލަތު ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ ހަމަނުޖެހުންތައް ކަމުގައި ގުތެރޭޝް ފާހަގަކުރެއްވިއެވެ.

ހުރްމުޒް ކަނޑުއޮޅި، ރަތް ކަނޑު އަދި ކަޅު ކަނޑު ހިމެނޭ ގޮތުގައި "ތިން ކަނޑުއޮޅީގެ ނާޒުކު ޙާލަތެއް" ކުރިމަތިވެފައިވާ ކަމުގައި ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުގެ (ޑަބްލިޔުއެފްޕީ) ވަގުތީ އެގްޒެކެޓިވް ޑިރެކްޓަރ ކާލް ސްކައު ވިދާޅުވިއެވެ. ދުނިޔޭގައި އުފައްދާ ގަސްކާނާގެ ތިންބައިކުޅައެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުތަކަށް ހުރަސްއެޅިފައިވާއިރު، އީރާނާ ދެކޮޅަށް އެމެރިކާއާއި ޞަހްޔޫނީން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ %36 އުފުލިފައެވެ. މީގެ އިތުރުން ސޫދާނުގައި ކާބޯތަކެތީގެ އަގުތައް %40 އުފުލިފައިވާއިރު، އިސްތަންބޫލް ކަނޑުއޮޅިން ގޮވާން އުފުލާ މިންވަރު %40 ދަށްވެ، ސޮމާލިޔާ ފަދަ ޤައުމުތަކަށް ބޮޑެތި ނުރައްކާތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އެޕްރީލު މަހުން ފެށިގެން ސޫދާނުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތަކަށް އަމާޒުކޮށް 900 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމުގައި މަދަނީ ޖަމުޢިއްޔާ، އެކްޝަން އަގެއިންސްޓް ހަންގަރގެ ވެރިޔާ ޕިރީން ބެނުވާ ވިދާޅުވިއެވެ. ސޫދާނުގައި އަންހެނަކަށް ވުމަކީ ބަނޑުހައިހޫނުކަމަށް ހުށަހެޅޭ ކަމެއް ކަމަށާއި، ކާނާ ނުލިބި ތިން ހަފުތާވުމުން ކާޑުބަލި ޖެހޭ ކުޑަކުދިންގެ ޢަދަދު އުފުލި، އެ ކުދިންގެ ގުނަވަންތައް ފޭލުވާން ފަށާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ސަރަޙައްދުތަކުގައި ހައިހޫނުކަން ޢާންމުވެފައިވާ ކަން ކަނޑައަޅައި، ރަސްމީކޮށް އިޢުލާނު ކުރުމުގެ ކުރިން، އދގެ 2417 ނަންބަރު ޤަރާރު ތަންފީޒު ކުރުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގުތެރޭޝް ގޮވައިލެއްވިއެވެ.

ޣައްޒާގެ ޙާލަތުން ކޮންމެވެސް ވަރެއްގެ އުންމީދެއް ފެންނަން އޮތް ނަމަވެސް، މާލީ ދަތިކަމުގެ ސަބަބުން އަފްޣާނިސްތާނުގައި ކާބޯތަކެއްޗަށް ޖެހިފައިވާ ކޮންމެ ހަތް ކުދިންގެ ތެރެއިން ހަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްނުދެވި އަނބުރާ ފޮނުވައިލަން ޖެހިފައިވާ ކަމުގައި ސްކައު އިންޒާރު ދެއްވިއެވެ. މީގެ އިތުރުން ދަނޑުބިންތަކާއި ބަނދަރުތަކާއި ބާޒާރުތަކުގެ ގުދަންތަކަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް ވެސް ގުތެރޭޝް ވަނީ ގޮވައިލައްވާފައެވެ.