ވިޔަފާރި

އެމްޓީޑީސީއަށް ސާފުފައިދާގެ ގޮތުގައި 2.8 މިލިއަން ޑޮލަރު ލިބިއްޖެ


މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް ސާފުފައިދާގެ ގޮތުގައި ދޭއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީން ނެރެ އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ބަޔާނަށް ބަލާއިރު، ސާފްފައިދާގެ ގޮތުގައި ވަނީ، ދޭއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރު، ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ، ސާޅީސް ތިނެއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާ ލިބިފައެވެ.  

މިއީ ދެހާސް ފަނަރަވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، އެކެއް ޕޮއިންޓް އެކެއް މިލިއަން ޑޮލަރު، ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ، ސޯޅަ ޕޮއިންޓް ނުވައެއް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި އެކެއް ޕޮއިންޓް ސުމެއް ނުވައެއް މިލިއަން ޑޮލަރު ލިބިފަވެއެވެ. ތިންވަނަ ކުއާޓަރުގެ މާލީބަޔާނުގެ ބައެއް އުސްއަލިތަކަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ގޮސްފައިވަނީ ކުންފުނީގެ ދަރަނި ދަށްވަމުން އަންނަކަމެވެ. މިދިއަ އަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު، އެމްޓީޑީސީގެ ޖުމްލަ ދަރަނި އަށްޑިހަ ތިން މިލިއަން ޑޮލަރުގައި ހުރިއިރު، މިއަހަރުގެ ތިންވަނަ ކުއަޓަރ ނިމުނުއިރު މިއަދަދު އުޅެނީ ސާޅީސް ނުވައެއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރުގައެވެ. 

އެމްޓީޑީސީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލައިރު، މިއަހަރުގެ ފުރަތަމަ ނުވަމަސްދުވަހު އެކުންފުންޏަށް ސާފްފައިދާގެ ގޮތުގައި ހައެއް ޕޮއިންޓް ހަތަރެއް މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ، ނުވަދިހަ އަށެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާއެވެ.