ފްރެންޗް ލީގު އާންގެ ލީލްއަށް ކުޅެމުންދިޔަ އުމުރުން 18 އަހަރުގެ އައްޔޫބު ބުއާދީ އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.
މޮރޮކޯގެ ބައިނަލްއަޤްވާމީ މިކުޅުންތެރިިޔާ ސިޓީއަށް ސޮއިކޮށްފައިވަނީ 85.6 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން މިއެއްބަސްވުމުގެ ދަށުން ސިޓީއިން އެންމެ ފުރަތަމަ 81.4 މިލިއަން ޕައުންޑް ލީލްއަށް ދިނުމަށް ހަމަޖެހިފައިވާއިރު އިތުރު ބައިތަކުގެ ގޮތުގައި 4.2 މިލިއަން ޕައުންޑް ފަހުން ދިނުމަށްވަނީ އެއްބަސްވެފައެވެ. މަޢުލޫމާތުލިބޭގޮތުގައި ބުއާދީ ސިޓީއާއި ގުޅިފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސިޓީއިން ބުއާދީ އެޓީމަށް ގެންގޮސްފައިމިވަނީ އެޓީމުގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރަމުންދިޔަ ސްޕެއިންގެ ރޮޑްރީ އެޓީމު ދޫކޮށް ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ދާދިފަހުން ގުޅުމާއި ގުޅިގެންނެވެ.
އުތުރު އަދި މެދުތެރޭ އެމެރިކާގައި މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ބުއާދީ ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ. އޭނާވަނީ މޮރޮކޯއިން ވޯލްޑް ކަޕްގައި ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗުގައި ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅެފައެވެ.
ސިޓީއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ބުއާދީ ބުނީ މިއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. ބުއާދީ ބުނިގޮތުގައި ސިޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމެވެ. އަދި ސިޓީގެ ކުޅުންތެރިޔަކަށް ވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމުގައި އޭނާ ސިފަކުރިއެވެ. ބުއާދީ ބުނީ އޭނާގެ އުމުރުގެ ބޮޑު ބައި ހޭދަކޮށްފައިވަނީ މޮޅު ކުޅުންތެރިޔަކަށް ވުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރުގައެވެ. އަދި ސިޓީ ކުޅޭތަން އަބަދުވެސް ބަލާކަމަށާއި ސިޓީއަކީ އަބަދުވެސް ރީތި މޮޅު ކުޅުމެއް ކުޅެވޭތޯ މަސައްކަތް ކުރާ ޓީމެއް ކަމަށާއި އަދި އެޓީމުވަނީ ކާމިޔާބު ޓީމެއްކަން ސާބިތު ކޮށްދީފަ ކަމަށެވެ.
2023 ވަނަ އަހަރު އުމުރުން 16 އަހަރުގައި ލީލްއަށް ކުޅެން ފެށި ބުއާދީ ވަނީ މިހާތަނަށް އެޓީމަށް 96 މެޗު ކުޅެދީފައެވެ. ބުއާދީއަކީ ލީލްއަށް މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ބުއާދީ ސިޓީ އާއި ގުޅިފައިވާއިރު އެޓީމުގެ މެދުތެރެއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން ރޮޑްރީގެ އިތުރުން ޓިޔާނީ ރެއިންޑަރސް ޓީމު ދޫކޮށް ގޮސްފައިވާއިރު ނީކޯ ގޮންޒާލޭސްވެސް މިހާރުވަނީ ނިއުކާސްލް ޔުނައިޓެޑާއި ގުޅުމުގެ މަގުމަތީގައެވެ.
ލީލްއަށް ކުޅޭ ފަރަންސޭސިވިލާތުގެ ތަޖްރިބާކާރު ފޯވަޑް އޮލިވަރ ޖިރޫ ބުނީ ކިލިއަން އެމްބާޕޭގެ އުމުރުން 18 އަހަރުގައި އޭނާ އާއި އެކު ކުޅުމުގެ ފުރުސަތު އޭނާއަށް ލިބިގެންދިޔަ ކަމަށާއި އެމްބާޕޭ ފެނިގެންދިޔައީ އުމުރަށް ބަލާއިރު ވަރަށް ފުރިހަމަ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ބުއާދީ އާއި މެދުވެސް އޭނާއަށް އެކަހަލަ އިހްސާސްތަކެއް ކުރެވޭކަމަށެވެ.
ބުއާދީ ސިޓީ އާއި ގުޅުމުގެ ހަބަރު ލިބުނުއިރު އެޓީމު ދޫކޮށްދާ ކުޅުންތެރިންގެ ނަންތައްވެސް އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން ބުއާދީ ސޮއި ކުރުމުގެ ހަބަރު ލިބުމުގެ ކުރިން މިއަދުވަނީ ސާވީނިއޯ ޓޮޓްނަމް ހޮޓްސްޕަރއަށް ސޮއިކުރިކަން ހާމަވެގެން ގޮސްފައެވެ .އަދި އޭގެ އިތުރުން އޮމަރު މަރުމޫޝް ލޯން އެއްބަސްވުމެއްގެ ދަށުން ސަޕަރސްއަށް ބަދަލުވާން އުޅޭ ވާހަކައިގެ އިތުރުން ގޮންޒާލޭސް ނިއުކާސްލްއަށް ގުޅެން އުޅޭ ވާހަކަވެސް ވަނީ އިވިގެން ގޮސްފައެވެ. އެހެން ކަމުން މިއީ ފަހަކަށް އައިސް ސިޓީއަށް އެންމެ ބޮޑު ބަދަލެއް އަންނަތަން ފެނިގެންދާ ސީޒަނަށް ވެގެންދާނެކަން މިވަނީ ޔަގީންވެފައެވެ. އަދި ސިޓީއިން އެޓީމުގެ މެދުތެރެ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި ޗެލްސީއަށް ކުޅޭ އެންޒޯ ފެނާންޑޭޒްއަށް ބިޑު ކުރުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އިނގިރޭސި މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.