ޚަބަރު

ނޭޕާލުގައި ފެންބޮޑުވެ، ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ


  • ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވި

  • ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވި

ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ނޭޕާލަށް ކުރިމަތިވި ހިތާމަވެރި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެމަނިކުފާނު ފުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވާކަމަށާއި އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ.

ނޭޕާލުގެ ހިމާލަޔާ ފަރުބަދަތަކުގެ ސަރަޙައްދުގައި ކޯރެއް ބަންޑުންވުމުގެ ސަބަބުން ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، މަދުވެގެން 8 މީހުން ވަނީ މަރުވެފައެވެ. މި ޙާދިސާގައި މަގުތަކާއި، ބްރިޖުތަކުގެ އިތުރުން އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނޭޕާލް ސަރުކާރުން މިހާރު ވަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށްޓަކައި އަސްކަރީ ހެލިކޮޕްޓަރުތައް އެ ސަރަޙައްދަށް ފޮނުވައިފައެވެ.

ނޭޕާލުގެ ރަސުވާ ސަރަޙައްދުގައި ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ، މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރު ޖެއްސުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ނަރެންދުރަ ޕަރިޔާރު ވިދާޅުވީ، މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ބޯޓޭ ކޯޝީ ކޯރުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ފެންބޮޑުވާން ދިމާވި މައިގަނޑު ސަބަބު އަދި ކަށަވަރުވެފައި ނުވި ނަމަވެސް، ވޭތުވެދިޔަ އަހަރު މި ކޯރުގެ ސަބަބުން ހިނގި ފެންބޮޑުވުމުމުގެ ޙާދިސާއަކީ ޓިބެޓުގައިވާ ގްލޭޝިއަރ ކޯރެއް ފުރިގެން ބަންޑުންވުމުގެ ސަބަބުން ދިމާވި ޙާދިސާއެކެވެ. އެ ފަހަރުގެ ކާރިޘާގައި 9 މީހުން މަރުވެ، ނޭޕާލާއި ޗައިނާ ގުޅުވައިދޭ މުހިންމު ބުރިޖެއްވެސް ވަނީ ހަލާކުވެފައެވެ. ޓިބެޓުން ފެށިގެން ނޭޕާލް ހުރަސްކޮށް އިންޑިއާއާ ހަމައަށް ދެމިގެންދާ މި ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވަނީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.