ޚަބަރު

"ސިޔާސީގޮތުން ރައްދުދިނުމުގެ ބަދަލުގައި މަސައްކަތްކުރަނީ ވަޢުދުތައް ފުއްދަން"


  • އެކި ދާއިރާތަކުން ވަޢުދުތައް ފުއްދުމުގައި ކުރިއެރުން ލިބޭކަން ފާހަގަކުރެއްވި

ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވުމުގައި ބަދަލުގައި، އިސްކަންދެއްވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދޭނެ ގޮތްތައް ހޯދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ވާދަކޮށް، އެމަނިކުފާނު ބަލިކުރާނެކަމަށް ބައެއް ވާދަވެރި ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމާއި ގުޅޭގޮތުން ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުން ބަހައްޓަވަނީ ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ވިސްނެވުމުގެ ބަދަލުގައި އެ މަނިކުފާނު ވިސްނަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދޭނެ ގޮތްތައް ހޯދުމަށްކަމަށާއި އަދި އެ މަސައްކަތް ކާމިޔާބުކުރައްވާނެކަމަށެވެ.

"އަޅުގަނޑު އެކަމާ ނުވެސް ވިސްނަން. އަޅުގަނޑު ވިސްނަނީ އަޅުގަނޑުވީ ވަޢުދުތައް ފުއްދަން. އަޅުގަނޑާއި އެކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކު ދާނީ ކުރިއަށް. މިނިސްޓަރުން، އެމްޕީސް، އާއްމުރައްޔިތުން، ހުރިހާ ފަރާތްތައް. އަޅުގަނޑާއެކީގަ މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއެކީގައި އަޅުގަނޑު މި ބަލަނީ، އަޅުގަނޑުވީ ވައުދުތައް ފުއްދުމުގައި ކާމިޔާބީ ޙާސިލްކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެވަޑައިގެންވާފައިވާ ވަޢުދުތައް ފުއްދުމުގައި ހުރިހާ ދާއިރާއަކުން ކުރިއެރުން ލިބެމުންދާކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ތަންފީޒުކުރުމުގައި ދެމިހުންނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމާއި ޚާރިޖީ ދާއިރާއާއި އިޖްތިމާއީ ތަރައްޤީއާއި ވިޔަފާރިއާއި ޒުވާނުން ބިނާކުރުމާއި ސިއްޚީ ދާއިރާއިން ވެވަޑައިގަންނަވާފައިވާ ވަޢުދުތައް، އެ ވަޢުދާއި އެއްގޮތަށް ފުއްދުމަށް މަސައްކަތްކުރައްވާކަމަށެވެ.

ރައީސްގެ މުހިންމު ވަޢުދުފުޅުތަކުގެތެރޭގައި، އުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރިއެރުންތައް ހޯދައިދެއްވާ، ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދައިދެއްވުން ހިމެނެއެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ ހަކަތަ އިތުރުކޮށް ވަސީލަތުގެ ގޮތުން ތަނަވަސްތަނަކަށް ހެއްދެވުމާއި، ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ޚާއްސަ އިސްކަމެއް އެމަނިކުފާނު ދެއްވައެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނެވިކުރުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން، ސިއްޚީ އަދި ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް ގިނަ ކަންތައްތަކެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރކަމުގައި ކުރައްވަން، ވަޢުދުވެވަޑައިގަންނަވާފައިވެއެވެ.