ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ދެވަނަ ބުރުން އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓުގެ އެންމެ ފަހުގެ ޗެމްޕިއަން ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ދެވަނަ ބުރުން އަލް އަހްލީ ޖާގަހޯދީ ފުރަތަމަ ބުރުގައި އޯއެފްސީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއުޒީލަންޑްގެ އޯކްލަންޑް ސިޓީ އާއި ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. ސައުދީ އަރަބިއާގެ ޖިއްދާގެ ކިންގ އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އަލް އަހްލީއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގައި އަލް އަހްލީ އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާލެހް އަބޫ އަލް ޝަމަތުއެވެ. މިމެޗު ނިމެން ގާތް ވެފައިވަނިކޮށް އޯކްލަންޑް ސިޓީގެ ސޭމް ކޮސްގްރޯވް އަލް އަހްލީގެ ވެލެންޓިން އަޓަންގާނާއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށްވަނީ ރަތް ކާޑު ދައްކާފައެވެ.
މިކާމިޔާބީ އާއެކު އަލް އަހްލީ މިމުބާރާތުގެ ދެވަނަ ބުރުގައި ބައްދަލުކުރާނީ ކަފް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ދެކުނު އެފްރިކާގެ މަމެލޯޑީ ސަންޑައުންސް އާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ދެކުނު އެފްރިކާގެ ޕްރެޓޯރިއާގައެވެ. އަދި ދެވަނަ ބުރުގެ އެމެޗު ކާމިޔާބު ކުރާ ޓީމެއް ޕްލޭ އޮފްގައި ބައްދަލުކުރާނީ ކޮކްކާކަފް ސަރަހައްދުގެ ޗެމްޕިއަން ޓޮލޫކާ އާއި މިހާރު ކުރިއަށްދާ ކޮޕާ ލިބަޓަޑޯރެސް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމުގެ މެދުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. އަދި އެމެޗު ކާމިޔާބު ކުރާ ޓީމެއް ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ގެ ފައިނަލްގައި ވާދަކުރާނީ ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖަރމެއިން އާއެވެ. މިމުބާރާތުގެ މިހާރުގެ ޗެމްޕިއަނުންނަކީ ޕީއެސްޖީއެވެ. އެޓީމުން މިދިޔަ އަހަރު މިމުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ބްރެޒިލްގެ ފްލަމެންގޯ އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ.