ޚަބަރު

ތަރައްޤީއަށް އެހީވުމަށް، ޗައިނާ އޮތީ ތައްޔާރަށް: ވަޒީރު ސަޢީދު


  • އެފްޓީއޭގެ ބޭނުން އެންމެ ފުރިހަމައަށް ހޯދުމާގުޅޭގޮތުން މަޝްވަރާކުރި

  • އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރި

ރާއްޖޭގެ ތަރައްޤީއަށް އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ އިޤްތިޞާދީ އެއްބާރުލުން ކުރިއެރުވުމާ ގުޅޭގޮތުން، ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރ ލިއު ޝިއޯމިންއާ ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފް.ޓީ.އޭ) ދަށުން ލިބިދޭ ފުޅާ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތައް ފުޅާކުރުމާ ގުޅޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ބެއިޖިންއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ތަރައްޤީގައި އިސްކަންދޭ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާތީ، އެކަން އުފަލާއެކު ފާހަގަކޮށް ވަޒީރު ސަޢީދު ވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިޤްތިޞާދީ ވަޒީރު ސަޢީދު ވަނީ ހައިކެން ގްރޫޕް ޕްރޮޑަކްޓް އެގްޒިބިޝަން ހޯލަށް ޒިޔާރަތްކުރައްވައި، ހައިނާން ސްޓޭޓް ފާމްސް އިންވެސްޓްމަންޓް ހޯލްޑިންގ ގްރޫޕުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މެންގް ޝިއާއޯލިއަންގް އަދި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖެއިން ހައިނާންއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.

ޗައިނާއަކީ އިޤްތިޞާދީގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. ތަފާތު މަޝްރޫޢުތަކުގައި އެހީތެރިވުމުގެ އިތުރުން އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމަށް އެ ޤައުމުން ރާއްޖެއަށް އެހީތެރިވެދެއެވެ.