ޚަބަރު

މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހޯމަ ދުވަހު ހަމަވާނެ


  • މިއަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުން

  • ހުރިހާ ލިޔުންތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކީ ހުށަހަޅަންޖެހޭ ކަމަށް އެއުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުށަހެޅުމަށް ވަރަށްބޮޑު ސަމާލުކަމެއް ދިނުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ. ޚާއްޞަކޮށް ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްގެން އިނާމަށް ހުށަހަޅާއިރު، ސަނަދު ދިން މަރުކަޒުން ނުވަތަ ކޯސް ފުރިހަމަކުރި މަރުކަޒުން ދީފައިވާ ކޯހުން 1 ވަނަ ނުވަތަ އެންމެ މަތީ ވަނަ ހާސިލުކުރިކަން އަންގައިދޭ ލިޔުމާއި، ކޯހުން ހޯދައިފައިވާ މާކްސްގެ އެވްރެޖް ނުވަތަ ގްރޭޑް ޕޮއިންޓް އެވްރެޖް ބަޔާންކޮށްފައިވާ ލިޔުން ހުށަހަޅަން ޖެހެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ހާސިލުކޮށްފައިވާ ސަނަދެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަޔާންކޮށް ތައްގަނޑު ޖަހައިފައިވާ ސަނަދުގެ ކޮޕީ ހުށަހަޅަންޖެހޭތީ އާއި، އިނާމަށް ހުށަހަޅާ ލިޔުންތަކުގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހަންޖެހޭތީ މިކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނުމަށްވެސް ކޮމިޓީން އެދިވަޑައިގަންނަވައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ.

އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ގިންތިއެވެ.