ވިލާތުގެ ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މުރާޖާކުރުމުގެ މަސައްކަތް ހަލުވިކުރުމަށް އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ވަރަށް ބޮޑު ސީރިޔަސްކަމެއް އަދި އަހުމިއްޔަތުކަމެއް ދޭ ކަން ހާމަވެއްޖެއެވެ. މި މުރާޖާގެ ދަށުން، ދިފާޢީ ވަޒީރު ޕީޓް ހެގްސެތަށް ހުށަހެޅުމަށް ހަތަރު އިޚުތިޔާރެއް ނޮވެންބަރު 6 ވަނަ ދުވަހުގެ ކުރިން އެކުލަވައިލުމަށް ޕެންޓަގަނުން މަސައްކަތް ކުރަމުންދާ ކަން، މީޑިއާއާ ޙިއްޞާ ކޮށްފައިވާ ލިޔެކިޔުމަކުން ހާމަވެއެވެ. ކުރިން މި މުރާޖާ ނިންމުމަށް ތާވަލުކޮށްފައި އޮތީ ޑިސެންބަރު މަހަށެވެ. ނަމަވެސް، މި މުރާޖާގެ ތާރީޚު އަވަސްކުރުމާއެކު، ޕެންޓަގަނުން މި ކަމަށް ދޭ އަހުމިއްޔަތުކަން ބޮޑުކަން ހާމަވެގެން ގޮސްފައިވާ ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ. މި ކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް، ވިލާތުގެ ޤައުމުތަކުގައި ހުންނަވާ އެމެރިކާގެ އަސްކަރިއްޔާގެ އިސް ޖެނެރަލާއި، ޕެންޓަގަންގެ ސިޔާސަތާ ބެހޭ އިސްވާރު އެލްބްރިޖް ކޯލްބީއާ ސެޕްޓެންބަރު 18 ވަނަ ދުވަހު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަން، މީޑިއާއަށް ފެނިފައިވާ ލިޔެކިޔުމުން ހާމަވެއެވެ.
މި މުރާޖާގެ ސަބަބުން ވިލާތުގެ ޤައުމުތަކުގައި ތިބި އެމެރިކާގެ 80،000 ސިފައިންގެ ޢަދަދު ވަރަށް ބޮޑަށް މަދުކުރެވިދާނެ ކަމުގެ ބިރު ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ބައިވެރިންގެ މެދުގައި ވަނީ އުފެދިފައެވެ. ޚާއްޞަ ގޮތެއްގައި، އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް އެމެރިކާ އެދޭ މިިންވަރަށް އެއްބާރުލުން ދީފައިނުވާ ޤައުމުތަކަށް އަދަބުދިނުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ފިޔަވަޅުތަކެއް އަޅުއްވަފާނެކަމާ މެދު ނޭޓޯގެ މެންބަރުންގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޓްރަމްޕްގެ ސަރުކާރުން ބޭނުންވަނީ ދިފާޢީ ޒިންމާތައް އުފުލުމުގައި ނޭޓޯގެ ބައިވެރިން އިސްނެގުމަށެވެ. ނޭޓޯގެ ބައެއް މެންބަރުން އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވެ، ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގައި ހެގްސެތު ކުރިން ތުހުމަތު ކުރައްވާފައިވެއެވެ.
ޕެންޓަގަނުން ހަދަމުންދާ މުރާޖާގެ 'ޓަރމްސް އޮފް ރެފަރެންސް' ލިޔެކިޔުމުގައި، ނޭޓޯގެ މެންބަރު ޤައުމުތަކުން އެމެރިކާއަށް އެއްބާރުލުންދޭ މިންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި، އެ ޤައުމުތަކުގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު އެމެރިކާއަށް ދީފައިވާ މިންވަރާއި، ސިފައިން ބައިތިއްބާ މިންވަރުގެ އިތުރުން އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ދީފައިވާ މިންވަރު ވަޒަންކުރުން ހިމެނެއެވެ. މީގެ އިތުރުން، ނޭޓޯގެ މެންބަރު ޤައުމުތަކުން ދިފާޢަށް ކުރާ ހޭދަ އިތުރުކުރުމަށް އިތުބާރު ކުރެވޭ ނިޒާމެއް އެކުލަވައިލާފައިވޭތޯ ވެސް ޕެންޓަގަނުން ދަނީ ބަލަމުންނެވެ. މި މުރާޖާގައިވާ ބައެއް ކަންކަމަށް ކޮންމެ ވެސް ވަރަކަށް އެއްބަސްވި ނަމަވެސް، ވިލާތުގެ ގިނަ ޤައުމުތަކުން އެމެރިކާއަށް ފުރިހަމައަށް އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ޤަބޫލުފުޅު ކުރައްވައެވެ.
އެމެރިކާގެ ޚާރިޖީ އަދި އަސްކަރީ ސިޔާސަތުތަކަށް ތާޢީދުކުރާ މިންވަރާއި، ނޭޓޯގެ މެންބަރު ޤައުމުތަކުން އެއްބާރުލުންދޭ މިންވަރު ވަޒަންކުރުމަށް ދާދިފަހުން ޕެންޓަގަނުން ވަނީ އެ ޤައުމުތަކަށް ސުވާލު ކަރުދާހެއް ވެސް ޙިއްޞާ ކޮށްފައެވެ. މި ސުވާލު ކަރުދާހަށް ޖަވާބު ފޮނުވުމުގެ ސުންގަޑި އޮގަސްޓު 28 ވަނަ ދުވަހު ހަމަވާނެއެވެ. ވިލާތުގެ ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މުރާޖާކުރުމާ ގުޅޭ ގޮތުން ޕެންޓަގަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް، ހަތަރު އިޚުތިޔާރެއް އެކުލަވައިލައި ހެގްސެތަށް ހުށަހެޅުމުގެ މަސައްކަތް ވަރަަށް ބާރަށް އަދި ސީރިޔަސްކޮށް ކުރިއަށްދާ ކަމުގައެވެ.