ނޭޕާލާއި ޗައިނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޓިބެޓުގެ ޤުދުރަތީ ގަނޑުފެންގަނޑެއްގެ ބައެއް ނެއްޓި، އެ ގަނޑުފެންގަނޑު އެތައް ސަތޭކަ މީޓަރު ތިރީގައި އޮތް ވާދީއަކަށް ވެއްޓުމުގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ބޮޑު ކާރިޘާގައި ގެލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި ތަފާތު 30 ޤައުމަކަށް ނިސްބަތްވާ ފަތުރުވެރިން ހިމެނޭކަމަށް ރަސްމީ އިދާރާތަކުން އެއްކޮށްފައިވާ މަޢުލޫމާތުތަކުން ހާމަވެއްޖެއެވެ.
ބުރާސްފަތި ދުވަހާ ހަމައަށް ނޭޕާލާއި ޗައިނާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހާދިސާގައި މިހާތަނަށް މަދުވެގެން 273 މީހުން ވަނީ މަރުވެފައެވެ. އަދި 1،300 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ފަރުބަދަމަތީގެ ކުޅިވަރުތަކާއި ޓްރެކިންގ ހަރަކާތްތަކަށް އެ ސަރަޙައްދަށް ގޮސްއުޅުނު ގިނަ ޢަދަދެއްގެ ބޭރު ޤައުމުތަކުގެ ފަތުރުވެރިން ހިމެނެއެވެ.
ގެއްލުނު މީހުންގެ ޢަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ފަރަގުތަކެއް ހުރި ނަމަވެސް، މިއީ އެކި މުއައްސަސާތަކުން މަޢުލޫމާތު އެއްކުރި ވަގުތުގެ ތަފާތުތަކާއި، ސަލާމަތީ މަސައްކަތްތަކުގައި އުޅޭ ޓީމުތަކުގެ މެދުގައި މުވާޞަލާތީ ގޮންޖެހުންތައް ހުރުމުގެ ސަބަބުން ދިމާވެފައިވާ ތަފާތުތަކެއް ކަމަށް ބެލެވެއެވެ.
ނޭޕާލްގެ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އެ ޤައުމުން އެކަނިވެސް މަދުވެގެން 270 މީހުން މަރުވެ، 826 މީހުން ވަނީ ގެއްލިފައެވެ. ނޭޕާލްގެ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރާ ޙަވާލާދީ އޭޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގެއްލުނު މީހުންގެ ތެރޭގައި އެ ޤައުމުގެ 113 ފަތުރުވެރިންނާއި، ސަލާމަތީ ބާރުތަކުގެ 85 އޮފިސަރުންގެ އިތުރުން ރަސުވާ ޑިސްޓްރިކްޓްގެ 161 މީހަކާއި ނުވާކޯޓް ޑިސްޓްރިކްޓްގެ މީހުން ހިމެނެއެވެ.
މީގެއިތުރުން، ބޭރު ޤައުމުތަކަށް ނިސްބަތްވާ 517 މީހަކު ގެއްލިފައިވާ ކަމަށް ނޭޕާލްގެ ޓޫރިޒަމް ބޯޑުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، ޓިބެޓުގެ ގީރޮންގް ކައުންޓީން 3 މީހުން މަރުވެ، 558 މީހުން ގެއްލިފައިވާ ކަމަށެވެ. މީގެ ތެރެއިން 260 މީހުންނަކީ ބޭރު ޤައުމުތަކުގެ ރައްޔިތުންނެވެ. އަދި ނޭޕާލްގެ ސަރަޙައްދުން ޗައިނާގެ 100 އަށްވުރެ ގިނަ ރައްޔިތުން ގެއްލިފައިވާ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ގެއްލުނު ބޭރު ޤައުމުތަކުގެ މީހުންގެ ތަފްޞީލު:
އިންޑިއާ: ޓިބެޓުގެ ކައިލާޝް ފަރުބަދައަށް ޒިޔާރަތްކުރި އިންޑިއާގެ 179 މީހުން.
އެމެރިކާ އަދި މެލޭޝިއާ: އެމެރިކާގެ 65 މީހުން އަދި މެލޭޝިއާގެ 51 މީހުން.
ޔޫކްރެއިން: ޔޫކްރެއިންގެ 53 މީހުން (މީގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުންދާ 46 ފަތުރުވެރިން ހިމެނޭ).
އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ކެނެޑާ: އޮސްޓްރޭލިއާގެ 35 މީހުން، އިނގިރޭސިވިލާތުގެ 33 މީހުން އަދި ކެނެޑާގެ 25 މީހުން.
ދެކުނު ކޮރެއާ: ހައިޑްރޯޕަވަރ ޕްލާންޓެއް އެޅުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި 9 މީހުން.
އެހެނިހެން ޤައުމުތައް: ސިންގަޕޫރު (8)، ޖަރުމަނުވިލާތް (8)، ރަޝިއާ (8)، ދެކުނު އެފްރިކާ (6)، ލެޓްވިއާ (6)، ޖަޕާން (5)، ނިއުޒީލަންޑް (5)، ފަރަންސޭސިވިލާތް(4)، ބެލްޖިއަމް (3)، ޖަޕާނު (5) އަދި ސްޕެއިން (3).
މީގެއިތުރުން އިޓަލީވިލާތް، ކަޒަކިސްތާން، ޕޯޗުގަލް، އަޔަލެންޑް އަދި ނެދަލެންޑްސް، މިއިން ކޮންމެ ޤައުމަކުން 2 މީހުން ގެއްލިފައިވާއިރު؛ ބެލަރޫސް، ފިންލަންޑް، ހަންގޭރީ، ލިތުއޭނިއާ، ފިލިޕީންސް، ބަލްގޭރިއާ، ސްވިޒަލެންޑް، ސާބިއާ، އަދި ސްވިޑަންގެ އެއް ރައްޔިތަކު ވަނީ ގެއްލިފައެވެ.
ހާދިސާ ހިނގި ސަރަޙައްދުތަކުގައި ޙާލުގައި ޖެހިފައިވާ މީހުން ހޯދައި، ސަލާމަތްކުރުމުގެ ފުޅާ އޮޕަރޭޝަނެއް ދެ ޤައުމުގެ ސިފައިންނާއި ކުއްލި ޙާލަތްތަކުގައި އެހީތެރިވާ ޓީމުތަކުން މިހާރުވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.