ޤައުމީ އެއަރލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ އަންނަ އަހަރުން ފެށިގެން ޝެޑިއުލް ދަތުރުތައް ކުރުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފެށީ މިއަހަރުގެ މޭ މަހުގެ 18ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން ވިދާޅުވީ އޮސްޓްރޭލިއާގެ މެލްބާންއަށް އެ ކުންފުނިން ފެށި ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ އަންނަ އަހަރުން ފެށިގެން ޝެޑިއުލްކޮށް ކޮންމެ ހަފުތާއަކު 1 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތައް ކުރަނީ އެ ކުންފުނީގެ ފްލީޓްގައި ހިމެނޭ އޭ380 މަތިންދާބޯޓުގައެވެ.
އޮސްޓްރޭލިއާއަށް ދަތުރު ފެށުމާއި ގުޅިގެން މީގެކުރިން މޯލްޑިވިއަނުން ވިދާޅުވެފައިވަނީ މެލްބަންއަށް ދަތުރުތައް ފެށީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައިކަމަށެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް ވުމަކީ މި ދަތުރުތައް ފެށި މައިގަނޑު އެއް ސަބަބުކަމަށް އެ ކުންފުނިން އެއިރު ވަނީ ބުނެފައެވެ.
3 މަސްދުވަހަށްފަހު ޑިމާންޑަށް ބެލުމަށްފަހު ޝެޑިއުލް ދަތުރުކުރުމަށް މޯލްޑިވިއަނުން ނިންމިއިރު އެ ކުންފުނިން ވިދާޅުވީ މި ދަތުރުތަކާއެކު ރާއްޖެއަށް އޮސްޓްރޭލިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮސްޓްރޭލިއާއަކީ ރާއްޖެއަށް 9ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އެ ޤައުމުން އަހަރުގެ މިހާތަނަށް ރާއްޖެ 31،586 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.