އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ އެންމެފަހުގެ ޗެމްޕިއަން އިންޓަރ މައާމީގެ އައު ކޯޗަކަށް އާޖެންޓީނާގެ ކްރިސްޓިއަން 'ކިލީ' ގޮންޒާލޭޒް ހަމަޖެއްސިކަން އެކްލަބުން ހާމަކޮށްފިއެވެ.
ގޮންޒާލޭޒް އެންމެފަހުން ކޯޗު ކޮށްދީފައިވަނީ، އާޖެންޓީނާގެ ޕްރިމިއަރ ޑިވިޜަންގެ ކްލަބް ޕްލަޓެންސޭއަށެވެ. އޭޕީޑީ ކްލަބުން ފުޓްބޯޅަ ކެރިއަރ ފެށި ގޮންޒާލޭޒްވަނީ ފަހުން ލަލީގާގައި ވެލެންސިއާއަށް ކުޅެ އެޓީމާއެކު ލަލީގާގެ ތަށިވެސް ކާމިޔާބު ކޮށްފައެވެ. އާޖެންޓީނާ ޤައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެދީފައިވާ ގޮންޒާލޭޒް ވަނީ، އާޖެންޓީނާއެކު 2004 ވަނަ އަހަރު އެތެންސްގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ރަންމެޑަލްވެސް ހާސިލުކޮށްފައެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ، 2011 ވަނަ އަހަރު އާޖެންޓީނާއަށް އެނބުރި އައިސް ރޮސާރިއޯ ސެންޓަލްއަށް ކުޅުމަށްފަހުއެވެ. އަދި އޭނާ ކޯޗު ކޮށްދޭން ފެށީ، 2020 ވަނަ އަހަރު ރޮސާރިއޯއިންނެވެ.
އިންޓަރ މައާމީއަށް މިދިޔަ ސީޒަންގައި ލީގު ކާމިޔާބު ކޮށްދިން ކޯޗު ހާވިއޭ މަޗަރާނޯވަނީ، މިދިޔަ ސީޒަނަށްފަހު މިއަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު މަޤާމުން ވަކިވެފައެވެ. އަދި މިއާއެކު މިހާތަނަށް އެޓީމުގެ ކޯޗުކަން ކޮށްފައިވާ އުމުރުން 63 އަހަރުގެ ގުޔެރުމޯ ހޯޔޯސް އެކަން ކޮށްފައިވަނީ، ވަގުތީގޮތުންނެވެ. އަދި ސީޒަންގެ ފެށުން ރަނގަޅުވި ނަމަވެސް އެޓީމު އެންމެފަހުން ކުޅުނު 5 މެޗުން ވަނީ ބަލިވެފައެވެ. އެއާއެކު އިންޓަރ މައާމީ މިހާރު އުޅެނީ، މިހާތަނަށް ކުޅުނު 21 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެ، 6 މެޗުން ބަލިވެ، 4 މެޗުން އެއްވަރުވެ ލިބިފައިވާ 39 ޕޮއިންޓާއެކު އެމްއެލްއެސްގެ އީސްޓަން ކޮންފަރެންސްގެ ދެވަނައިގައެވެ. އެއީ، އެއްވަނައިގައި އުޅޭ ނާޝްވިލް އެސްސީ އަށްވުރެ 10 ޕޮއިންޓް ފަހަތުންނެވެ.
އިންޓަރ މައާމީއިން އެޓީމަށް އައު ކޯޗެއް ގެނެސްފައިވާއިރު، ޓީމާއި ވަކިވި ހޯޔޯސްއަށް އެމްއެލްއެސްއިން ވަނީ، އެއް މެޗުގެ ސަސްޕެންޝަނެއްގެ އިތުރުން ޖޫރިމަނާ ކުރިކަން ހާމަކޮށްފައެވެ. ލީގުން ދިން މިސަސްޕެންޝަނަކީ، އިންޓަރ މައާމީގެ ޓީމު ތަކުރާރުކޮށް މެޗުތައް ފަށަން އޮންނަ ގަޑިއަށް ދަނޑަށް ނުނިކުމެ މެޗު ފެށުން ލަސްވާތީ ދިން އަދަބެކެވެ. އެމްއެލްއެސްގެ ޤަވާއިދު ބުނާގޮތުން މެޗު ފެށުމަށް އޮންނަ ގަޑިއާއި، ދެވަނަ ހާފުގެ ކުޅުން ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަށް ޓީމުތަކުން ދަނޑަށް ނުނިކުންނަ ކަމަށްވާނަމަ ކްލަބުގެ އިތުރުން ޓީމަށް ޒިންމާވާން ޖެހޭ ފަރާތަކީ ކޯޗުކަމުން ކޯޗަށް އަދަބު ދެވޭނެއެވެ. މިކަމުގެ ސަބަބުން އިންޓަރ މައާމީވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.