ޚަބަރު

ފެނަކައިގެ އައު ޕްރޮކިއުމަންޓް ޕޮލިސީއަށް ޢަމަލުކުރަން ފަށަނީ


  • 2021-2023ގެ އޮޑިޓުން ބޮޑެތި މައްސަލަތައް ފެންމަތިވި

  • ޕްރޮކިއުމަންޓް ޕޮލިސީ ރިވިއުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ފެނަކައިގެ މާލީ ޙާލަތު ރަނގަޅުކުރަން ދަނީ މަސައްކަތްކުރަމުން

ފެނަކަ ކޯޕަރޭޝަނަށް ތަކެއްޗާއި ޚިދުމަތްތައް ހޯދުމަށް ހަދާފައިވާ ޕްރޮކިއުމަންޓްގެ ނިޒާމު ހަރުދަނާކޮށް، އައު ޕްރޮކިއުމަންޓް ޕޮލިސީއަށް އަންނަ މަހުގެ ތެރޭގައި އަމަލުކުރަން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ޕްރޮކިއުމަންޓް ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން، އޮޑިޓް ރިޕޯޓުތަކުން ހާމަވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޮޑިޓް ދިރާސާކޮށް ވަނީ، ޕްރޮކިއުމަންޓް އުސޫލު އިސްލާހުކުރުމަށް ފެނަކައަށް އަންގާފައެވެ.

ސަރުކާރު ބަދަލުވިއިރު ފެނަކަ ކުންފުންޏަކީ ހިންގުން އަދި މާލީ ޙާލަތުވެސް އެންމެ ދަށުގައި އޮތް ކުންފުނިކަން ސަރުކާރުން ހާމަކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުން ފާހަގަވި ގޮތުގައި، 2021 އިން 2023 ދެމެދު ޖުމްލަ 673 އެއްބަސްވުމެއްގެ ދަށުން 2.23 ބިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކުރިއިރު، އޭގެ ތެެރެއިން 438 އެއްބަސްވުމަކީ އާންމު ބީލަމުގެ އުސޫލުން ބޭރުން ހެދިފައިވާ އެއްބަސްވުންތަކެކެވެ. މި މަޝްރޫޢުތަކުގެ އަގު 1.3 ބިލިޔަން ރުފިޔާއަށް އަރައެވެ. މިއާއެކު ފެނަކައިން ވަނީ ޕްރޮކިއުމަންޓް އުސޫލު އިސްލާހުކުރުމުގެ މަސައްކަތްތައް ފަށާފައެވެ.

ފެނަކައިގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމްގެ ދުވެލި ޕްރޮގްރާމްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވީ ޕްރޮކިއުމަންޓްގެ އުސޫލުތައް މުރާޖާކޮށް އިސްލާހުކޮށް، އައު އުސޫލު އެކުލަވާލުމަކީ މިވަގުތު ކުންފުނިން އެންމެ އިސްކަން ދީގެން ކުރާ މަސައްކަތްކަމަށެވެ. އަފީފް ވިދާޅުވީ މާޒީގައި ކުންފުނިން މަސައްކަތްތައް ހަވާލުކުރުމާއި ޚިދުމަތްތައް ހޯދުމުގައި ޢަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމާށާއި ވަރަށް ބޮޑެތި މައްސަލަތައް ހުރިކަމަށެވެ. އައު ޕްރޮކިއުމަންޓް އުސޫލާއެކު، މޮނިޓަރިން ނިޒާމާއި އަދި ޚަރަދުކުރުމުގެ ކަންކަން ބޮޑުތަނުން ހަރުދަނާކުރާނެއެވެ.

"ޕްރޮކިއުމަންޓް ޕޮލިސީތައް ހުރިގޮތް ރިވިއުކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން މިގެންދަނީ. އެކި ލެވަލްގައި ވެރިންނާއި މުވައްޒަފުންނާއެކު މިދަނީ މަޝްވަރާކުރަމުން. އަންނަ މަހުގެތެރޭގައި ޕޮލިސީއަށް ބަދަލުގެނެސް ޢަމަލުކުރަންފެށޭނެ." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ޕްރޮކިއުމަންޓްގެ ކަންކަން އޭރު ގެންގޮސްފައިހުރިއިރު، މަޢުލޫމާތު އެކަށިގެންވާގޮތުގައި ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން އެ ކުންފުނިތަކަކީ ކޮބައިކަން ސާފުނުވާ ކުންފުނިތަކާވެސް މަސައްކަތް ހަވާލުކޮށް ކުރިއަށްގެންގޮސްފައި ހުރިކަން ހާމަވާކަމަށެވެ. ކުދި ކުންފުނިތަކަށް ބޮޑެތި މުދާ ސަޕްލައިކުރަންވެސް ހަވާލުކޮށްފައި ހުރިކަމަށެވެ. ލިޔެކިޔުން ނެތުމުގެ ސަބަބުން، ޚިދުމަތް ރަނގަޅަށް ދިން ބައެއް ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައިވެސް މައްސަލަތައް ކުރިމަތިވާކަމަށް އަފީފް ވިދާޅުވިއެވެ.

"ޕްރޮކިއުމަންޓްގެ ކަންކަން އިސްލާހުކޮށް ދެން އިސްކަންދޭނީ، މެނުފެކްޗަރާ ކައިރިއަށް ގޮސް ނުވަތަ އެފަރާތުން ޚިދުމަތްދޭ ރަނގަޅު ކުންފުނިތައް މެދުވެރިކޮށް ތަކެތި ހޯދަން. ރަނގަޅު ތަކެތި ލިބޭކަން ކަށަވަރުކުރާނަން. އޭރުން ލިބޭ ގެއްލުން ކުޑަކުރެވޭނީ. އޭރުން ފެންވަރު ރަނގަޅުކޮށް ވަސީލަތް ދެމެހެއްޓޭނީ. މާޒީގައި އެބަހުރި ކޮލިޓީ ދަށް ތަކެތި ގެނެސްފައި." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށެވެ. އެގޮތުން ކުންފުނި ރައިޓް ސައިޒްކުރުމާއި، އަދި ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދައްކާ ދަރަނި ކުޑަކުދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

ފެނަކައަކީ އަތޮޅުރަކުގައި 127 ރަށަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ހިމެނެހެން ޚިދުމަތްދޭ ކުންފުންޏެކެވެ.