ޚަބަރު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް؛ ރަޙުމަތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް


  • ސިނަމާލެ ބުރިޖު ހުޅުވާފައިވަނީ 30 އޯގަސްޓް 2018 ގައި

  • ބުރިޖްގެ މަސައްކަތް ކުރިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު

  • ބުރިޖުގެ މަޝްރޫޢަކީ ދައުރުގެ ތެރޭގައި ނިންމާ ޚިދުމަތް ފެށުނު މިފަދަ އެންމެ ބޮޑު މަޝްރޫޢު

  • ބުރިޖުގެ މަޝްރޫއަކީ އިންޖިނިއަރިން ދާއިރާގައި ކުރެވުނު ފާހަގަކޮށްލެވޭ މަސައްކަތެއް

8 އަހަރުކުރިން ހުޅުވި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ" ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފެށިތާ 8 އަހަރުފުރުމާއި ގުޅިގެންނެވެ.

ސިނަމާލޭ ބުރިޖަކީ ރާއްޖޭގައި ކުރިއަށްގެންދިޔަ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމަށް ތަރައްޤީކުރި ސިނަމާލޭ ބުރިޖަކީ އިންޖިނިއަރިންގ ދާއިރާއިން އަދި ޢުމްރާނީ ގޮތުންވެސް ރާއްޖޭގައި ކުރިއަށްގެންދެވުނު އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢެވެ. ކަނޑު ހުރަސްކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބުރިޖެއް ތަރައްޤީ ކުރެވިދާނެކަމާމެދު ގިނަ ބަޔަކު ޝައްކުކުރިނަމަވެސް، ބުރިޖުގެ މަސައްކަތް އޮތް ޝެޑިއުލަށްވުރެ އަވަހަށް ނިންމާލުން ވެގެންދިޔައީ ތާރީޚުގައި ފާހަގަކޮށްލެވުނު ދުވަހަކަށެވެ.

ސިނަމާލެ ބުރިޖު ހުޅުވިތާ 8 އަހަރު ފުރޭ މުނާސަބާއާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ބުރިޖު ސަރަޙައްދަށް ވަޑައިގަންނަވާ އެސަރަޙައްދު ބައްލަވާލައްވާފައެވެ. އެމަނިކުފާނު އެސަރަޙައްދަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރައިސުލްޖުމްހޫރިއްޔާވަނީ އެސަރަޙައްދުގައި ޤާއިމުކޮށްފައިވާ ޕާކުގައި ހުރި ބުރިޖު މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިޔަ ދުވަސްވަރާއި އަދި ބުރިޖު ހުޅުވި ދުވަހުގެ ފޮޓޯތައް ބައްލަވާލައްވާފައެވެ. އަދި ބުރިޖު ބައްލަވާލެއްވުމަށް އެމަނިކުފާނުވަނީ ވަޑައިގަންނަވާފައެވެ.

ސިނަމާލޭ ބުރިޖު މަޝްރޫޢުއަށް 8 އަހަރުފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިމަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގާތްރަޙުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްކަމަށެވެ. ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަކަށްވުރެ ބޮޑަށް ބުރިޖު މަޝްރޫޢުން ދައްކުވައިދެނީ އިތުބާރާއި ޔަޤީންކަމާއި ދެޤައުމުން ގެންގުޅޭ އުއްމީދީ ތަސައްވުރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެ އިތުރު ފުރުސަތުތައް އަންނަން އޮތް މުސްތަޤުބަލަށް ދެޤައުމުގެ ރައްޔިތުންނަށްޓަކައި ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމަޝްރޫޢަށް 8 އަހަރުފުރޭ މުނާސަބާއާއި ދިމާކޮށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

ސިނަމާލޭ ބުރިޖު ހުޅުވާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 30 ވަނަ ދުވަހުގައެވެ. ސިނަމާލޭ ބުރިޖުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިޔައިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުންނެވީ އޭރުގެ ހައުސިންގ މިނިސްޓަރުގެ މަޤާމުގައެވެ.

ބުރިޖުގެ ދިގުމިނުގައި 1.38 ކިލޯ މީޓަރު ހުރެއެވެ. ބުރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރުފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ 2 ލޭން އަދި ސައިކަލު ދުއްވުމަށް ޚާއްސަ ލޭނެއްވެސް އޮވެއެވެ. ބުރިޖު މަޝްރޫޢަށް ޖުމްލަ 300 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު އޭގެތެރެއިން 100 ލިޔަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 170 މިލިޔަން ޑޮލަރަކީ ލޯނު އެހީއެވެ. މިމަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިޔަން ޑޮލަރުވަނީ ޚަރަދުކޮށްފައެވެ.