ޚަބަރު

އޮޕަރޭޝަންތަކުގައި 59 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވޭ


މިދިޔަ އެއްއަހަރު ދުވަހުގެތެރޭގައި 59 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވިދާޅުވީ 2015 އޮކްޓޯބަރު މަހުގެ 24 އިން 2016 އޮކްޓޯބަރު 24 ވަނަ ދުވަހުގެ ނިޔަލަށް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާކަމަށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ހިންގުނު އެކިއެކި އޮޕަރޭޝަންތަކުގައި ޖުމްލަ 59 ކިލޯ މަސްތުވާތަކެތިގެ އަތުލައިގެންފައިވާއިރު މީގެތެރޭގައި ހިމެނެނީ 37 ކިލޯ ހެރޮއިންއާއި 20 ކިލޯ ކެނަބިސްގެ އިތުރުން 2 ކިލޯ ކޮކެއިންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހާމަކުރައްވައެވެ.

ޕޮލިހުން އާއްމުކުރައްވާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓަށް މަސްތުވާތަކެތީގެ ބޮޑު 72 މައްސަލައެއް ހުށަހެޅިފައިވާއިރު މި މައްސަލަތަކުގެ ތެރެއިން 28 މައްސަލައެއްގެ ތަހުޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުއްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14779978880629.jpg|

ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 21 މައްސަލައެއްގެ ތަހުޤީޤު މިހާރުވެސް ކުރިއަށްދާއިރު 20 މައްސަލައެއްގެ ޝަރީޢަތް ދަނީ ކުރިއަށެވެ. އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި 159 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

ފުލުހުން ވިދާޅުވީ މާލެ ހިމެނޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ފާރަގެމަ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަންތަކުގައި ރާއްޖޭގެ 9 ސަރަހައްދަކުން މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. 

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.