ޚަބަރު

އައި-ހަވަން މަޝްރޫޢުގެ މާސްޓަރ ޕްލޭން ހެދުމުގެ އެއްބަސްވުން


އިހަވަންދިއްޕޮޅުގައި ހިންގެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ އައި-ހަވަން މަޝްރޫޢުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. 

އައި-ހަވަން ޕްރޮޖެކްޓްގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރެއްވީ ސިންގަޕޫރުގެ ސުރްބަނާ ޖުރޮންގް ކޮންސަލްޓަންޓްސްއާއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. 

އައިހަވަން މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. ރައީސް ޔާމީންގެ ތަޞައްވުރަކީ، އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންގެ މައިމަރުކަޒަކަށް ދިވެހި ރާއްޖެ ހެއްދެވުމެވެ. ހުޅަނގާއި އިރުމަތީގެ މުދާތައް ބަދަލުކުރެވޭ މަރުކަޒަކަށް ރާއްޖެ ވުމެވެ.

img:http://s2.psmnews.mv/images/660x400/14779996023141.jpg|އައި-ހަވަން މަޝްރޫޢުގެ މާސްޓަރޕްލޭން ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އައިހަވަން މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީން އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާ ކޮށްފައެވެ. އެފަރާތުން ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ހުށަހަޅުއްވާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްޤީކުރެވޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެގޮތުން، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިންއާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްޞީލީ ދިރާސާތަކެއް ކޮށްފައިވެއެވެ. އަދި ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅުމަށް އެސަރަޙައްދު ބަލާ ދިރާސާތަކެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ކޮށްފައިވެއެވެ. އޭގެތެރޭގައި އެސަރަޙައްދުގައި ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތާއި، ފަޅުތައް ބަލާ ހަދާފައިވެއެވެ. ޖިއޮގްރަފީގޮތުން އިހަވަންދިއްޕޮޅަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ފަޅު އޮތް ސަރަޙައްދެވެ.

ހަމައެކަނި ފަތުރުވެރިކަމަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ރާއްވަވާފައިވާ އެންމެ ބޮޑު މަޝްރޫޢަކީވެސް އައިހެވަން މަޝްރޫޢުއެވެ. އައިހަވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. 

ސަރުކާރުގެ ޢަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު އައިހަވަން ތަރައްޤީ ކުރެއްވުމެވެ.