ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް، އައިސީއައިއޭ ފަށައިފިއެވެ.
މި މަހާސިންތައް ކުރިއަށްދަނީ 2 ދުވަހުގެ މުއްދަތަށެވެ.
މި އަހަރުގެ އައިސީއައިއޭ އިންތިޒާމުކޮށްފައިވަނީ، ޢިލްމީ އަދި ސަޤާފީގޮތުން ވަރަށް ގިނަ ޕްރޮގްރާމްތަކަކާ އެކުގައެވެ. ކޮންފަރެންސްގެ މައިގަނޑު ހަރަކާތްތައް ދެ ދުވަހުގެ މުއްދަތަށް ޕެރެލަލް ރޫމްތަކުގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޢިލްމީ ކުރިއެރުމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ އައިސީއައިއޭއަކީ، ދިވެހިރާއްޖޭގައި ބާއްވާ މިފަދަ ބައިނަލްއަޤްވާމީ އެންމެ ބޮޑު މަހާސިންތާއެވެ. މި މަހާސިންތާއަކީ، އެކި ދާއިރާތަކުން ކޮށްފައިވާ ދިރާސާތަކާ ހޯދުންތަކުގެ ޢިލްމު ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ޙިއްސާކުރުމުގެ މަގުފަހިކޮށްދިނުމަށް ބާއްވާ ފޯރަމެކެވެ.
މިއަހަރުގެ ކޮންފަރެންސްގައި 526 މީހުން ރަޖިސްޓްރީވެފައިވާއިރު، ހާޒިރުވެގެން 344 މީހުންނާއި އޮންލައިންކޮށް ބައިވެރިވުމަށް 182 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. މީގެ ތެރޭގައި 18 ޤައުމެއްގެ 53 މީހުން ހިމެނެއެވެ.
މި ކޮންފަރެންސަށް 167 ކަރުދާސް ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ބަލައިގަނެފައިވަނީ، 139 ކަރުދާހެވެ. ހުށަހެޅި ކަރުދާސްތަކުގެ ތެރޭގައި ދިވެހި 85 ކަރުދާހާއި، ބައިނަލްއަޤްވާމީ 83 ކަރުދާސް ހިމެނެއެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން މުހިންމު 10 މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. ކޮންމެ ދަންފަޅިއެއްގައި ގާތްގަނޑަކަށް 40އާއި 80 އާ ދެމެދުގެ އަދަދަކަށް ބައިވެރިވެފައިވެއެވެ.
އައިޔޫއެމްއިން ފާހަގަކުރާ ގޮތުގައި މިފަދަ ޢިލްމީ މަސައްކަތު ބައްދަލުވުންތަކުގެ ސަބަބުން ދިރާސާވެރިންނާއި، ދަރިވަރުންގެ ދިރާސީ ޤާބިލުކަމާއި، ހުނަރުތައް އިތުރުވަމުންދާނެއެވެ. ޚާއްޞަކޮށް ޒަމާނީ އާލަތްތައް އަޚުލާޤީ މިންގަނޑުތަކުގެ ތެރޭގައި ޢިލްމީ މަސައްކަތްތަކަށް ބޭނުންކުރާނެ ގޮތްތަކާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ޖާނަލްތަކުގައި ދިރާސާތައް ޝާއިޢު ކުރުމަށް ބޭނުންވާ މުހިންމު އުކުޅުތައް ޢަމަލީގޮތުން ދަސްވެގެންދެއެވެ. މީގެއިތުރުން އެކި ދާއިރާތަކުގެ މާހިރުންނާ ބައްދަލުވެ، ޢިލްމީ ގުޅުންތައް ބަދަހިވެ، އަމިއްލަ ދިރާސާތަކުގެ ފެންވަރު މަތިކޮށް، ދިރާސީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރަށް މަގުފަހިވާނެކަން އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.
އައިސީއައިއޭ ކޮންފަރެންސަކީ، ދިވެހިރާއްޖޭގައާއި ސަރަޙައްދީ ފެންވަރުގައި ޢިލްމީ ދިރާސާގެ މާޙައުލު ކުރިއަރުވައި، ދިރާސާވެރިން އެއް ފުރާޅެއްގެ ދަށަށް ގެނައުމުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ މުހިންމު ހަރަކާތެކެވެ.