ޚަބަރު

"އިމާރަތްކުރުމަށް އޮތް ޝައުޤުވެރިކަމުގެ ފެށުމަކީ 9/11ގެ ހާދިސާ"


  • އިންޖިނިއަރުންގެ ނަޒަރުން ކަންކަން ހޯދަން ކުޑައިރުވެސް ޝައުޤުވެރިވި

  • ހައުސިން ޤާނޫނުތައް ހެދުމުގައި މުހިންމު ދައުރެއް އަދާކުރި

އެމެރިކާގެ ތާރީޚުގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަސްޓް ހަމަލާއަކީ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި، އެމެރިކާގެ ނިއުޔޯކްގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއެވެ. އެއީ، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މީޑިއާއާއި ޚަބަރުފަތުރާ ވަސީލަތްތަކުގައި އެތައް ދުވަހެއް ވަންދެން ފެތުރުނު ވާހަކައެކެވެ. އޭގެތެރެއިން އެއްކަމަކީ މާ ސިންގާ އިމާރާތެއް ބިމާ ހަމަވާން މެދުވެރިވި ގޮތާއި، އެކަމާއި މެދު އިންޖިނިއަރުންނާއި، ދިރާސާވެރިން ދެއްކި ވާހަކަތަކެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީގައި ސިވިލް އިންޖިނިއަރަކަށް މިހާރު މަސައްކަތްކުރާ މުޙައްމަދު ޝަހުދުއަށް 9/11އިގެ ހާދިސާގެ ވާހަކައަކީ، ހަނދާނުން ފިލުވާލަން ދަތި ވާހަކައެކެވެ. އެއީ، އިމާރާތް ކުރުމުގެ ދާއިރާއަށް އޭނާގެ ހިތުގައި އޮތް ޝައުޤުވެރިކަމުގެ ފެށުމެވެ. ޝަހުދު ކިޔައިދިން ގޮތުގައި، އެ އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު އިންޖިނިއަރެއްގެ ނަޒަރުން ހޯދައި ބެލުމަށް އޭނާ ކުޑައިރުވެސް ވަރަށް ބޮޑަށް ބޭނުންވިއެވެ.

"ވަރަށް ކުޑައިރު ފެނުނީ ޚަބަރުން ވޯލްޑް ޓްރޭޑް ސެންޓަރުގައި ރޯވެއްޖެއޭ. ވަރަށް ކުޑައިރު އެއީ. ދެން އަޑު އިވުނީ، އިމާރާތެއް ވެއްޓިއްޖެއޭ. ވަރަށް ސުވާލު އުފެދުނު އިމާރާތެއް ވެއްޓެން ދިމާވާނެ ސަބަބެއް." ޝަހުދު ފާހަގަކުރިއެވެ.

އިމާރާތްކުރުމާއި ގުޅުންހުރި މަޢުލޫމާތުތައް އޮޅުންފިލުވި ވަރަކަށް އެ ދާއިރާއަށް ޝަހުދުގެ ހިތުގައި އުފެދުނު ޝައުޤުވެރިކަންވީ އިތުރެވެ. އެގޮތުން މިސްރުގެ ޕިރަމިޑުތައް ފަަދަ ޤަދީމީ ޢުމްރާނީ ބިނާތަކާއި ގުޅުންހުރި މަޢުލޫމާތުތަކުން އޭނާ ދާއިރާއަށް އުފެދުނު ޝައުޤުވެރިކަން އިތުރުވުމަށް މަގުފަހިވިއެވެ. އެހެންކަމުން، އިންޖިނިއަރިން ދާއިރާއިން ތަޢުލީމު އުނގެނި އޭނާގެ ޝައުޤުވެރިކަން އަމަލީ މައިދާނުގައި ބޭނުންހިފޭކަމަކަށް ހެދުމަށް ޝަހުދު މަސައްކަތް ކުރިއެވެ.

ތަޢުލީމީ ހަޔާތަށްފަހު އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށީ، މިނިސްޓްރީ އޮފް ހައުސިން އެންޑް ޕްލޭނިންގައެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި، އެ ވުޒާރާގެ އިންޖިނިއަރ އަދި އާކިޓެކްޓް އަޙްމަދު ސުޖިތުގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށްވެސް ޝަހުދު ފާހަގަކުރިއެވެ.

"ސުޖިތު އެއީ އަޅުގަނޑު މެންޓަރއެއް ގޮތުގައި ބަލާ ބޭފުޅެއް. އޭރުގެ ހައުސިން މިނިސްޓަރ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެއީ އަޅުގަނޑު ހަމަ ސެލިއުޓް ކުރާ ބޭފުޅެއް." އާރުޑީސީގެ ސިވިލް އިންޖިނިއަރ ޝަހުދު ބުންޏެވެ.

ޝަހުދު ފާހަގަކުރާ ގޮތުން އޭނާގެ ކެރިއަރުގައި ކުރި އެންމެ މުހިންމު އަދި އެންމެ ބުރަ އެއް މަސައްކަތަކީ ޕްލޭނިން މިނިސްޓްރީގައި އެހެނިހެން ތަޖުރިބާ ކާރުންނާއިއެކު، އެ ދާއިރާއާއި ގުޅުންހުރި ޤަވާއިދުތައް އެކުލަވާލުމަށް ކުރި މަސައްކަތެވެ. އެ ދާއިރާގެ ކަންކަން ޒަމާނަށް ފައްތާ، އިމާރާތް ކުރުމުގެ ސިނާޢަތުގެ ސްޓޭކް ހޯލްޑަރުންނާއިއެކު އޭރު ކުރި މަސައްކަތްތަކަކީ ޤައުމުގެ އުމްރާނީ ތަރައްޤީއަށްޓަކައި އެޅި މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރިއެވެ.

ޝަހުދު ބުނީ، ކުރިން އިންޖިނިއަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކިޔަވާ އެއްޗެއްގެ ބޭނުން އަމަލީ މައިދާނުގައި ހިފަން ލިބޭ ފުރުސަތުތައް ހަނިވުން ކަމަށެވެ. ނަމަވެސް މިހާރު ޒުވާން އިންޖިނިއަރުންނަށް ކިޔެވި އެއްޗެއްގެ ބޭނުން އަމަލީ މައިދާނުގައި ހިފަން ފުރުސަތު ލިބޭތީ އޭނާ ވަރަށް އުފާކުރާ ކަމަށް ޝަހުދު ބުންޏެވެ. އެއީ، ކިޔަވައިގެން އަންނަ ޒުވާނުންނަށް އެ ދާއިރާއިން ފުރުސަތު އޮތްކަމުގެ ހެއްކެއްކަން އޭނާ ފާހަގަކުރެއެވެ. އޭނާގެ ޢިލްތިމާސަކީ، އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އިންޖިނިއަރުން އުފެދި، ރާއްޖޭގެ މުސްތަޤުބަލާއި މެދު ހަރުދަނާ ޕްލޭންތައް އެކުލަވާލުމުގައި އިންޖިނިއަރުންގެ ބޭނުން ފުރިހަމައަށް ކުރުމެވެ.