ޚަބަރު

އެމެރިކާގެ ގިނަ ޒުވާނުން ޔަހޫދީ ދައުލަތާއި ދެކޮޅު


އެމެރިކާގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ 74 އިންސައްތަ، ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ޢުދުވާނަކީ ޤަތުލުއާންމެއްގެ ގޮތުގައި ދެކޭކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ބްރޭންޑައިސް ޔުނިވަރސިޓީގެ 'މޯރިސް އެންޑް މެރިލިން ކޯހެން ސެންޓަރ ފޯ މޮޑަރން ޖޫއިޝް ސްޓަޑީޒް' އިން ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އެ ޤައުމުގެ ޑިގްރީ ހަދަމުންދާ ދަރިވަރުންގެ 74 އިންސައްތަ ދަރިވަރުން ޤަބޫލުކުރާ ގޮތުގައި ޔަހޫދީން، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޤަތުލުއާންމެކެވެ. "އެމެރިކާގެ ޑިގްރީ ހަދާ ދަރިވަރުން އަދި ފަލަސްތީން-ޔަހޫދީ ހަމަނުޖެހުން" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ދިރާސާއަކީ، 'ޖެނެރޭޝަން ލެބް' އިން އެމެރިކާގެ 303 މަތީ ތަޢުލީމުދޭ މަރުކަޒަކުން 3,989 ދަރިވަރުން ބައިވެރިކޮށްގެން ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި 82 އިންސައްތަ ދަރިވަރުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރެއެވެ. އަދި ޔަހޫދީން ހިންގަނީ ގަތުލުއާންމެއް ނޫން ކަމަށް ބުނަނީ އެންމެ 25 އިންސައްތަ ދަރިވަރުންނެވެ.

ދަރިވަރުންގެ މެދުގައި ހިޔާލުތަފާތުވުން އެންމެ ބޮޑީ އެކި ފަރާތްތަކާމެދު ދެކޭގޮތާ ގުޅޭގޮތުންނެވެ. ފަލަސްތީނުގެ ރައްޔިތުންނާ މެދު 77 އިންސައްތަ ދަރިވަރުން ހެޔޮ ގޮތުގައި ދެކޭއިރު، ސަރުކާރުތަކުގެ ފެންވަރުގައި މި ތަފާތު އިތުރަށް ބޮޑެވެ. ފަލަސްތީން މިނިވަން ދައުލަތަކަށް ވުމަށް 41 އިންސައްތަ ދަރިވަރުން ތާއީދުކުރާއިރު، ޔަހޫދީ ސަރުކާރަށް ތާއީދުކުރަނީ އެންމެ 15 އިންސައްތަ ދަރިވަރުންނެވެ. މީގެ އިތުރުން، 46 އިންސައްތަ ދަރިވަރުން ޔަހޫދީ ސަރުކާރު ސިފަކުރަނީ ބަލައިނުގަނެވޭ ފަދަ ގޯސް" ސަރުކާރެއްގެ ގޮތުގައެވެ.

މި ދިރާސާއިން ފާހަގަކުރެވުނު އަނެއް ކަމަކީ، މި މައްސަލައިގައި މާ ބޮޑު މަޢުލޫމާތެއް ނެތް ކަމަށް ބުނި ދަރިވަރުންގެ ތެރެއިންވެސް 84 އިންސައްތަ ދަރިވަރުން، ޔަހޫދި ދައުލަތުން ހިންގަނީ ޤަތުލުއާންމެއް ކަމަށް އިއްތިފާޤުވާ ކަމެވެ. ސިޔާސީ ފިކުރަށް ބަލާއިރު، ލިބަރަލް ފިކުރުގެ ދަރިވަރުންގެ 94 އިންސައްތަ ދަރިވަރުން މި ވާހަކައަށް ތާއީދުކުރާއިރު، ކޮންޒަވޭޓިވް ދަރިވަރުންގެ ތެރެއިން ތާއީދުކޮށްފައިވަނީ 45 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން، ދަރިވަރުންގެ ތެރެއިން ބޮޑު ބައެއް އަދިވެސް އިސްކަންދެނީ އެމެރިކާގެ އެތެރޭގެ މައްސަލަތައް ކަމަށްވާ ނަސްލީ ތަފާތުކުރުންތަކާއި ހިޖުރަކުރުމުގެ މައްސަލަތަކަށް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ މުހިންމު ދިރާސާއެއް ކުރެވިގެން ގޮސްފައިމިވަނީ، ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި ވަޒަންވެރިން ހިންގާ އަނިޔާވެރި ޢަމަލުތައް އިތުރުވެ، އަދި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުންތަކާ ޚިލާފަށް ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި މިހާތަނަށް ފަލަސްޠީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 174,000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.