އައިސީސީ އަންހެނުންގެ ކްރިކެޓް މުބާރާތް ލަންކާގައި ބާއްވަން ނިންމި ނިންމުން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ބަދަލުކޮށްފި އެވެ.
އަންނަ ފެބްރުއަރީ 14އިން 28 އަށް ބާއްވަން ހަމަޖައްސާފައިވާ މުބާރާތް ބާއްވަން ދެން ފުރުސަތު ދިނުން ގާތީ އައިސިސީ ރޭންކިންގެ ގަދަ ފަސް ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ލަންކާ އަކީ ދުނިޔޭގެ ކްރިކެޓް ރޭންކިންގެ ހަ ވަނަ ގައުމެވެ. މިއަށްވުރެ ރޭންކިން ދަށް ގައުމަކަށް މުބާރާތް ބާއްވަން ފުރުސަތު ދީފިނަމަ މި މުބާރާތުގައި ލަންކާ ބައިވެރި ކުރުމާމެދު ވެސް ސުވާލު އުފެދިގެންދާނެ އެވެ. ސަބަބަކީ އަދި އެ ގައުމު ކްރިކެޓް ބޯޑު އިންޓަރިމް ހާލަތުގައި އޮތުމެވެ.
ކްރިކެޓްގެ ގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ލަންކާގައި މުބާރާތް ނުބާއްވަން އައިސީސީން ނިންމީ ސަރުކާރުގެ ނުފޫޒު ވަދެ ލަންކާގެ ކްރިކެޓް ބޯޑު އިންޓަރިމް ހާލަތަށް ގެނެސްފައިވާތީ އެކަމގެ އަދަބެއްގެ ގޮތުންނެވެ. މިދިޔަ އޭޕްރީލް މަހު ލަންކާގެ ކްރިކެޓް ބޯޑުގެ އެންމެހާ މެމްބަރުންގެ މަގާމު ގެއްލުވާލުމުން މިހާރު ކްރިކެޓް ބޯޑު ހިންގަމުންދަނީ ނުވަ މެމްބަރުންގެ ވަގުތީ ބޯޑަކުންނެވެ. މި މެމްބަރުންގެ ވާޖިބަކީ އައު އިންތިހާބެއް ބޭއްވުމެވެ.
"ތެދެއް އެއީ. ލަންގައި މުބާރާތް ނުބާއްވައި އެހެން ގައުމަކަށް ބަދަލު ކުރަންވަނީ ނިންމާފައި. އެކަމަކު މިވަގުތު އަހަރެންނަކަށް ޔަގީނެއް ނޫން ކޮންމެ ގައުމެއްގައި ކަމެއް މުބާރާތް ބާއްވާނީ،" ލަންކާގެ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޕަރްކާޝް ޝަފްޓާ ވިދާޅުވި އެވެ.
ލަންކާގެ މީޑިޔާތަކުން ބުނަނީ މުބާރާތް ބާއްވާ ގައުމެއް ކަނޑައަޅާނީ ދެން އެންމެ އަވަހަށް ބާއްވާ އައިސީސީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ. ލަންކާގައި މުބާރާތް ނުބާއްވަން ނިންމުމުން މާލީ ގެއްލުންތަކެއް ކުރިމަތިވާނެ އެވެ. ލަންކާގައި ބާއްވަން އުޅެ އެންމެ ފަހުން ނުބޭއްވި މުބާރާތަކީ 2024 ވަނަ އަހަރުގެ އައިސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތެވެ. އެ ފަހަރު އެ މުބާރާތް ނުބެއްވުނީ އައިސީސީން ލަންކާ ސަސްޕެންޑް ކުރުމުގެ ސަބަބުންނެވެ.