ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުން މި މަހުގެ 26ވަނަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ. މި ބިލު ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގައި އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި، ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވި މި ބިލާއެކު މިހާތަނަށް ފަޅާއި ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރަމުން އައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވުނީއެވެ. އައު ޤާނޫނުގައިވާގޮތުން ކުރިންވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
އެމަނިކުފާނަށް ފަޅުރަށްރަށް އެކަށައެޅޭނީ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާޢީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ، އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް އެކި ބޭނުންތަކަށް ފަޅު ކުއްޔަށް ދޫކުރާނީ، އެ ފަޅެއް ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.
މި ޤާނޫނުގައިވާގޮތުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށެއް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕުތަކަށެވެ. އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކާއި ޖަމުޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރެވޭނެއެވެ.
ފަޅުތައް ކުއްޔަށް ދެވޭނީ، ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާޢީ މަސައްކަތްތަކާއި އެއް މިލިޔަން ރުފިޔާ އަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ އިޤްތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗަރއާއި އެއާ ގުޅުންހުރި މަސައްކަތްތަކަށެވެ.
އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ، 21 އަހަރުގެ މުއްދަތަކަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް އެދޭ ހާލަތެއްގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ދެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ޤާނޫނުގައި ފަޅުރަށުގެ ކުއްޔާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅުއްވާނީ މާލީ ކަންކަމާބެހޭ ވުޒާރާއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނުގެ ދަށުން ވަރުވާއަށް ދެވޭނީ، ވަކި ބޭނުމަކަަށް އެކަށައަޅާފައިވާ ނުވާ ރަށެކެވެ. އަދި ވަރުވާއަށް އެ ރަށެއް ދޫކުރެވޭނީ، ގިނަވެގެން 5 އަހަރުގެ މުއްދަތަކަށް ކަމަށާއި މުއްދަތު އިތުރުކުރާނަމަ އިތުރު ކުރެވޭނީ 5 އަހަރުގެ މުއްދަތަކަށެވެ.
ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ޤާނޫނާ ޚިލާފަށް ކަމެއް ކޮށްފިނަމަ 500،000 ރުފިޔާ އަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުއްޔަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 1،000،000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ޤާނޫނު ވުޖޫދުވިއިރު ކުރީގެ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފަޅު ރަށްރަށާއި، ފަޅުތަކާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ އެއްބަސްވުން ސައްޙަވާނެއެވެ. ނަމަވެސް ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި އައު ޤާނޫނުގައިވާ ހުރިހާ ކަމެއް އެ އެއްބަސްވުންތަކަށްވެސް ހިނގާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.