ދިވެހިންގެ އާބާދީ 5 ލައްކައާ ގާތްކުރާއިރު އާބާދީގެ %8 އަކީ އުމުރުން ދުވަސްވީ އާބާދީއެވެ. އެއީ 20،500އަށްވުރެ ބޮޑު އާބާދީއެކެވެ.
ދިވެހި ރާއްޖޭގެ އާބާދީ 2030ވަނަ އަހަރުން ފެށިގެން ދެން ދަތުރުކުރާނީ ދުވަސްވީ އާބާދީއަކާ ދިމާލަށެވެ. 2050ވަނަ އަހަރު ރާއްޖޭގެ އާބާދީ ގުނާނީ ދުވަސްވީ އާބާދީއެއްގެ ގޮތުގައެވެ. މުޅި އާބާދީގެ %21 ވާނީ، 65 އަހަރުން މަތީގެ މީހުންގެ އާބާދީއަކަށެވެ. އެއީ ލައްކައަކަށްވުރެ ބޮޑު އާބާދީއެކެވެ.
ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަސް، މާމަ ކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، އުމުރުން ދުވަސްވީ އާބާދީއަށް އަޅުގަނޑުމެން އަދާކޮށްދެންޖެހޭ ޒިންމާގެ ހަނދާން އާކުރަންޖެހެއެވެ. މިއީ ކޮންމެ މީހެއްގެ ބޮލުގައިވެސް އޮތް ޒިންމާއެކެވެ.
މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށްވަނީ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އާއިލާއާއި މުޖުތަމަޢުގައި އިތުރުކޮށް، އެމީހުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ހަނދާން އާކޮށްދިނުމެވެ. އެއްވެސް އުނިކަމެއް ނެތި، ދަރިންނަށްޓާކާ އުފުލި ބުރައިގެ އަގުވަޒަންކޮށް، މައިންބަފައިންނަށްޓަކާ ދަރިން އަދާކުރަންޖެހޭ ޒިންމާގެ ހަނދާން އައުކޮށްދިނުމެވެ.
ޤަބޫލުކުރަންޖެހޭ އެއް ޙަގީގަތަކީ، އެނގިގެން ނުވަތަ ނޭނގިނަމަވެސް އެމީހުންނަށް ވެވޭ އިޙުމާލެވެ. ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާގެ މިދިޔަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާ ލިބުމުގެ 58 މައްސަލަ ހުށައަޅާފައިވެއެވެ. އަދި އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި އެ ވުޒާރާއަށް ޖުމުލަ 34 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ދަރިންނާއި އާއިލާގެ މީހުން ތިބެ، އެމީހުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްނުދެވި މިފަދަ މައްސަލަތައް އިތުރުވުމަކީ އިޖުތިމާޢީ ފޭރާން ބަލިކަށިވަމުންދާކަމުގެ ހެއްކެކެވެ.
އުމުރުން ދުވަސްވީ މީހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތަކުގައި މާލީ ގޮތުން ދަތިކުރުމުގެ އެތައް މައްސަލައެއްވެސް ހިމެނެއެވެ. އެކަށީގެންވާ ބޯހިޔާވަހިކަން ނުދިނުމާއި މާލީ ދަތިކުރުމާއި އަދި އާއިލީ ލޯތްބާއި އޯގާތެރިކަމުން މަޙުރޫމުކުރުވުން ހިމެނެއެވެ. އެކި ހާލަތްތަކާއި ގުޅިގެން ސަރުކާރުގެ ބެލުމުގެ ދަށުގައި، ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުގައިވެސް ތިބި މީހުންގެ ބޮޑު އާބާދީއަކީ އުމުރުން ދުވަސްވީ މީހުންނެވެ. ދަރިން ތިބެ، އެ ދަރިންގެ އެއްވެސް ޚަބަރެއް ނުވާ މީހުންވެސް މީގެތެރޭގައި އެބަތިއްބެވެ. އިޖުތިމާއީގޮތުން އަދި ދީނީ ގޮތުން ބެލިނަމަވެސް މިއީ ވަރަށް ދެރަ މައްސަލައެކެވެ. މައިންބަފައިންނަށް ރައްކާތެރިވުމަކީ، ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ.
ކާފަ މާމަ ދުވަސް ފާހަގަކުރަމުންދާއިރު، އަޒުމަކަށްވާންވާނީ ވެދިޔަތަން ދޫކޮށް، އަލުން އެ ގުޅުންތައް ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ. އާއިލާގެ ތެރޭގައި ދަރިންގެ މެދުގައިވެސް ގުޅުން ރަނގަޅުކޮށް، އެކަމުގައި މައިންބަފައިން ޝާމިލުކުރުމެވެ. އެމީހުންނާއެކު ވަގުތު ހޭދަކުރުމާއި، އެމީހުންނަށް ބޭނުންވާ މާލީ ރައްކާތެރިކަން ދިނުމާއި އަޅާލުމާއި އޯގާތެރިކަމާއި ލޯބި ދިނުމަށެވެ.
މާމަ ކާފަ ދުވަސް ރައްޖޭގައި ރަސްމީކޮށް ފާހަގަކުރަން ފެށީ 2020ވަނަ އަހަރުން ފަށިގެންނެވެ.