ތަޢުލީމީ ދާއިރާއިން އުފެއްދުންތެރިކަން އިތުރު ކުރުމަށާއި، ދެޤައުމުގެ ދެމެދުގައި ޢިލްމީ މައުލޫމާތު ބަދަލުކުރުމާއި، ރިސާޗުގެ މަސައްކަތްތައް ފުޅާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ސްރީލަންކާގެ ސިނެކް ކެންޕަސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިކަމަށްޓަކައި އެމްއެންޔޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ސްރީލަންކާ ސިނެކް ކެންޕަސްގެ ފަރާތުން ސޮއިކުރެއްވީ، ޑރ. ސުޖީވާ ޕޮލްކަމްޕެލާއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ ދެޤައުމުގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކަރިކިއުލަމް ތަރައްޤީ ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީސްގެ ޑީން ކެޕްޓަން މުޙައްމަދު ޒައިދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މުސްތަޤުބަލުގައި ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ސިނެކް ކެންޕަސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީވެސް މެރިޓައިމް އެޑިއުކޭޝަން ދޭ ދެ ތަން ކަމަށްވުމާއެކު ދެ ޤައުމުގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކަރިކިއުލަމް ތަރައްޤީ ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް މިއެއްބަސްވުމުގެ ސަބަބުން ފަސޭހަވާނެ ކަމަށް ކެޕްޓަން މުޙައްމަދު ޒައިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަދި ސްރީލަންކާއާއެކު މިފަދަ އެއްބަސްވުމެއްގައި ކުރީގައި ނެތް ސޮއިކުރެވިފައެއް. ރާއްޖެއާއި އެންމެ ކައިރީގައިވެސް މި އޮންނަނީ ސްރީލަންކާ. އެ ބޭފުޅުން ވަރަށް ވިލިންގްލީ އަޅުގަނޑުމެންނާއެކު ކުރިއަށް ދާން އެ ނިންމީ. މިކަމުގެ ސަބަބުން މެރިޓައިމް އެޑިއުކޭޝަނަށް ވަރަށް ބޮޑެތި ބަދަލުތައް މިހާރު އެބަ އާދޭ." ކެޕްޓަން މުޙައްމަދު ޒައިދު ވިދާޅުވިއެވެ.
އެމްއެންޔޫއިން ވިދާޅުވީ، މެރިޓައިމް ސްޓަޑީސް ކިޔަވައިދިނުމުގައި 36 އަހަރުގެ ތަޖުރިބާ ލިބިފައިވާ އަދި އެ ދާއިރާއިން ވަރުގަދަ ބިންގަލެއް އަޅާފައިވާ މުއައްސަސާއަކާއެކު މިފަދަ އެއްބަސްވުމެއް ޤާއިމްވުމަކީ އެމްއެންޔޫއަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ.
އަދި މި އެއްބަސްވުމާއެކު ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ދެ މުއައްސަސާއިން ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ރާވަމުންދާ ކަމަށްވެސް އެމްއެންޔޫއިން ވިދާޅުވެއެވެ.