ޚަބަރު

އޭސީސީއާއި ގްލޯބީ ނެޓްވޯކާ ދެމެދު މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއް


  • އެއްބަސްވުމުގައި ސޮއިކުރީ ގްލޯބީ ނެޓްވޯކުގެ 7ވަނަ ޕްލިނަރީ ބައްދަލުވުމުގައި

  • ބައްދަލުވުން ބޭއްވީ މިމަހުގެ 25އިން 28އަށް ވިއެނާގައި

ގްލޯބީ ނެޓްވޯކުގެ މެންބަރުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ގްލޯބަލް އޮޕަރޭޝަނަލް ނެޓްވޯކް އޮފް އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް އޮތޯރިޓީސް (ގްލޯބީ ނެޓްވޯކް)ގެ 7 ވަނަ ޕްލިނަރީ ބައްދަލުވުމުގެ ތެރެއިންނެވެ. މިމަހުގެ 25 އިން 28އަށް ކުރިއަށްދިޔަ މިބައްދަލުވުން ބާއްވާފައިވަނީ ވިއެނާގައެވެ.

ގްލޯބީ ނެޓްވޯކުގެ މެންބަރުންގެ މެދުގައި ސޮއިކުރި މިއެއްބަސްވުމަކީ، ބައިނަލްއަޤްވާމީ ގުޅުން ވަރުގަދަ ކުރުމަށް އެހެން ޤައުމުތަކުގެ ކޮރަޕްޝަނާއި ގުޅުންހުރި އިދާރާތަކާއެކު މަޢުލޫމާތު ބަދަލުކުރުމަށް ކޮމިޝަނުން ޤާއިމުކޮށްފައިވާ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމަށް އޭސީސީން ވިދާޅުވިއެވެ.

7 ވަނަ ޕްލިނަރީ ބައްދަލުވުމުގައި އޭސީސީން ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ވަރުގަދަ ކުރުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ޤައުމުތަކުގެ މެދުގައި ފަންނީ އެހީތެރިކަން ހޯދުމާއި، މަޢުލޫމާތު ބަދަލު ކުރުމާއި އަދި ބޯޑަރު ހުރަސްކޮށް ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ބޭނުންވާ ހަރުދަނާ ނިޒާމުތައް އެކުލަވާލުމަށްވެސް މި ފިޔަވަޅުގެ ސަަބަބުން މަގުފަހިވާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ގްލޯބީ ނެޓްވޯކުގެ ބައްދަލުވުމަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކާއި ކަމާގުޅޭ ފަރާތްތައް އެއްތަނަކުން ބައްދަލުވުމުގެ ފުރުޞަތު ފަހިކޮށްދިން ބައްދަލުވުމެއްކަމަށް އޭސީސީން ވިދާޅުވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ޚިއްސާކުރުމެވެ.

މި ބައްދަލުވުމުގައި، ބައިވެރިވި ޤައުމުތަކުގެ މެދުގައި ފަންނީ ގުޅުންތައް ވަރުގަދަކުރުމުގެ އިތުރުން ބޯޑަރު ހުރަސްކޮށް ހިންގާ ކޮރަޕްޝަންގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ޤައުމުތަކުގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ)، ކުވައިތު އެންޓި-ކޮރަޕްޝަން އޮތޯރިޓީ އަދި ތައިލެންޑުގެ ނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮމިޝަން ހިމެނޭހެން ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން އިދާރާތަކާއެކު އޭސީސީން ދޭދޭ ބައްދަލުވުންތައް ބޭއްވިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތަޖުރިބާ ޙިއްޞާކުރުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭނެ ކަންތައްތަކާއި، ބައިނަލްއަޤްވާމީ ގުޅުން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނެވެ.

ޕްލިނަރީގެ ބައެއްގެ ގޮތުން، ލީޑް އެންޓި-ކޮރަޕްޝަން އިންޓެލިޖެންސް އެނަލިސްޓް އަލްފާޟިލާ ފިރުޝާނާ އިބްރާހީމް ވަނީ، “ފްރޮމް ބްރައިބްސް ޓު ކޮންވިކްޝަން"ގެ ނަމުގައި ކޭސް ސްޓަޑީޒް އެއްވެސް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމުގައި ކޮރަޕްޝަން ދެނެގަތުމާއި، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ޢަމަލީ ތަޖުރިބާ ޙިއްޞާ ކޮށްފައިވެއެވެ.