ޚަބަރު

ޑޮލަރު މައްސަލައިގައި 6 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް


  • އެކައުންޓްތަކުގައި 54 މިލިޔަން ރުފިޔާ އަދި 1.6 މިލިޔަން ޑޮލަރު ދައުރުކޮށްފައިވޭ

  • މިކަން ކުރަމުން އައީ ހުއްދަދެވިފައިވާ މަސައްކަތްކުމުގެ ދާއިރާގެ ބޭރުން

ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަމުންދިޔަ 6 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ދިވެހި ފުލުުހުންގެ ޚިދުމަތުން ވިދާޅުވީ ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދާ ދެނެގަނެ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ތިރީގައިވާ 06 ބިދޭސީންވަނީ ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޓެއިންކުރެވިފައިވާ ކަމަށެވެ.

މިހާތަނަށް ތަހްޤީޤުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި 3 އަހަރުގެ ތެރޭގައި މިފަރާތްތަކުގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00ރ (ފަންސާސް ހަތަރު މިލިޔަން ހަތަރުލައްކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އާއ،ި 1،627،810 ޑޮލަރު (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ ޔޫއެސްޑޮލަރު) ދައުރުކޮށްފައިވާކަން ވަނީ ފާހަގަގަކުރެވިފައެވެ. މިފަރާތްތަކަކީ ހުއްދަދެވިފައިވާ މަސައްކަތްކުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއްކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ޤާނޫނާ ޚިލާފަށް ބޭރު ފައިސާގަނެ ވިއްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާއި ޚިލާފު އަމަލުތަކުން ހޯދައި ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެފަރާތްކާއި ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ފަރާތަކުން ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއްކަމަށްވާތީ ޤާނޫނާއި ޚިލާފް އަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދާ ޤާނޫނީ ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.