ޚަބަރު

ވީކްލީ ފިސްކަލް: އެންމެ ބޮޑު އާމްދަނީއެއް އިމްޕޯޓް ޑިއުޓީން


  • ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު %6.9 އިތުރުވި

  • އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ލިބިފައިވޭ

މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީން ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު %12.1 އިތުރު އަދަދެކެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 27.9 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު 26.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %6.9 އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ އާމްދަނީ އިތުރުވުމާއި، ބިމާއި މުދަލުގެ ޓެކުހުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 21.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 19.9 ބިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު %9.2 އިތުރު އަދަދެކެވެ. ޓެކުހުގެ އާމްދަނީއަށް ބަލާއިރު މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 1.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %12.1 އިތުރު އަދަދެކެވެ.

މާލީ ހިސާބުތަކުން ދައްކާގޮތުގައި ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ %19.7 އިތުރުވެ 5.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސް ވަނީ %6.1 އިތުރުވެ 2.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް ޖީއެސްޓީގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗަރޖާއި ޑިޕަރޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ %8.2 އިތުރުވެ 1.2 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.

މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށްވެސް %32 ގެ ކުރިއެރުމެއް ލިބިފައިވާއިރު، މި އަދަދު ވަނީ 1.68 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.1 ބިލިޔަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424 މިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު %88 އިތުރުވެ، 250.9 މިލިޔަން ރުފިޔާއިން 471.8 މިލިޔަން ރުފިޔާއަށް ވަނީ އުފުލިފައެވެ.

މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 29.9 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަވި 25.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %17.5 އިތުރު އަދަދެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 26.1 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވީ 3.82 ބިލިޔަން ރުފިޔާއެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށެވެ. އެގޮތުން މުސާރައާއި އުޖޫރައަށް ކުރި ހޭދަ 4.75 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ހޭދަވި 4.21 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %12.7 ގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ދައުލަތުގެ ކެޕިޓަލް ޚަރަދު ވަނީ 9.0 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި ހޭދަ ވަނީ %44.6 އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 857.7 މިލިއަން ރުފިޔާއަށްވުރެ 382.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ފާލަމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު %39.8 އިތުރުވެ 292.1 މިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.