އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 125 މިލިއަން ޕައުންޑަށް ޗެލްސީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެ އެވެ.
ދިގުދެމިގެންދިޔަ އިންތިޒާރަކަށް ފަހު ސިޓީން، އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލް މެޗުގައި ރަތްކާޑު ހޯދި އާޖެންޓީނާގެ މިޑްފީލްޑަރު ސޮއި ހޯދީ ކުޅުންތެރިޔާ ޗެލްސީ ދޫކޮށްލަން އެދުމުންނެވެ. އޭނާގެ އަގަކަށް ސިޓީން ދޭން ޖެހުނު 125 މިލިއަން ޕައުންޑަކީ މީގެ އެއް ސީޒަން ކުރިން ނިއުކާސަލްގައި ހުއްޓައި އެލެގްޒެންޑާ އިސާކްގެ ސޮއި ލިވަޕޫލުން ހޯދި އަގާ އެއްވަރުގެ އަދަދެކެވެ. އެންޒޯ 2023 ވަނަ އަހަރު ޗެލްސީ އަށް ސޮއި ކުރީ ވެސް އިނގިރޭސި ރެކޯޑް ފީއަކަށެވެ. އެއީ ޕޯޗުގަލްގެ ބެންފީކާ އަށް 107 މިލިއަން ޕައުންޑް ދީފަ އެވެ.
އޭނާ ސިޓީގެ މެޑިކަލް ފުރިހަމަ ކުރާނީ މިއަދުގެ ވަގުތެއްގަ އެވެ. އެންޒޯ ސިޓީ އަށް ބަދަލުވި މައިގަނޑު ސަބަބަކީ އެ ޓީމުގެ ކޯޗަކަށް މިވަގުތު ހުރި އެންޒޯ މަރެސްކާ އެވެ. އޭނާ އަކީ ޗެލްސީގެ ކުރީގެ ކޯޗެވެ. މި ދެ މީހުން ވަނީ ޗެލްސީގައި ކުލަބު ވޯލްޑް ކަޕާއި ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފަ އެވެ.
ސިޓީ އަށް ބަދަލުވުމުގެ މަޝްވަރާތައް ކުރެވެމުންދާތީވެ ޗެލްސީން ވަނީ އިނގިރޭސި ޕްރެމިއާ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗު ކަމަށްވާ ބްރައިޓަން މެޗުގައި އެންޒޯ ޓީމުގައި ނުހިމަނައި ދޫކޮށްލައިފަ އެވެ. އެންޒޯގެ ޓްރާންސްފާ އަކީ މި ސީޒަނުގައި ސިޓީން އެ ޓީމުގެ އަމިއްލަ ޓްރާންސްފާ ރެކޯޑް ދެ ވަނަ މުގުރާލުމެވެ. ސީޒަން ފެށުމުގެ ކުރިން އިނގިރޭސި މިޑްފީލްޑަރު އެލިއޮޓް އެންޑަސަން ސިޓީ އަށް ގެންދިޔައީ ވެސް 116 މިލިއަން ޕައުންޑަ ނޮޓިންހަމަށް ދީފަ އެވެ.
މީގެ އިތުރުން އެ ޓީމުން ވަނީ ކުޅުންތެރިން ހޯދުމަށް ގިނަ ހޭދަތަކެއް ކޮށްފަ އެވެ. ފެނާންޑޭޒަކީ މި ސީޒަނުގައި 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއްގައި ޕްރެމިއާ ލީގުގައި ކުލަބަކަށް ގެންދިޔަ ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެސްޓަންވިލާގެ މޯގަން ރޮޖާސްގެ ސޮއި ޗެލްސީން ހޯދީ 117 މިލިއަން ޕައުންޑަށެވެ. އަދި ޕީއެސްޖީގެ ބްރެޑްލީ ބާކޯ ލިވަޕޫލަށް ގެންދިޔައީ 123 ޕައުންޑަށެވެ. މި ލިސްޓުގައި ދެން ތިބީ އެންޑަސަން އާއި އެންޒޯ އެވެ.